މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މޯލްޑިވްސް ލޭމްޕް ގެ ދަށުން 2021 ވަނަ އަހަރުގެ ފަހުކޮޅު ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (ކިޔު.އޭ.ޑީ) އިން ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް ޝާމިލްވާގޮތަށް ހިންގި ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިންގ އައުޓްކަމްސް (ނާލޯ-2021) ގެ ޑޭޓާ އެނަލިސިސް އާއި ރިޕޯޓް ލިޔުމުގެ މަސައްކަތްކުރުމަށް ކޮންސަލްޓަންޓް އުޞޫލުން ބޭފުޅަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކުރީ އެކަމަށް ހޮވިފައިވާ ޑރ. ވިސާލް މޫސާއާ އެވެ.

ނާލޯ-2021 ހިންގާފައިވަނީ ގްރޭޑް 4 އާއި 7 ގެ ދަރިވަރުންގެ ދިވެހި ބަސް، އިނގިރޭސި ބަސް، އަދި ހިސާބުގެ ފެންވަރު ހުރި މިންވަރު ދެނެގަތުމަށެވެ. މި އެސެސްމަންޓް ހިންގާފައިވަނީ ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނާއި މުދައްރިސުންގެ ތެރެއިން ކޮންމެ ސްކޫލަކުން ނެގުނު ރެންޑަމް ސާމްޕަލް އަކުންނެވެ. މި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި ސްކޫލްތަކުގައި މި މާއްދާތައް ކިޔަވަދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ ކުރިއަށް އޮތް ތަނުގައި ސްކޫލްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެއެވެ.

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ.

-ޚަބަރާއި ފޮޓޯ އެޑިޔުކޭޝަަން މިނިސްޓްރީ