ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭންފަށައިފިއެވެ. މިއީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވުނު ތަނެކެވެ.

މިތަން ހުޅުވާފައިވަނީ ރޭގައެވެ. ރޭ ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިންގ ޑައިރެކްޓަރ ސުޙައިލް އަޙްމަދާއި ފުލުހުންގެ ކޮމިޝަންްޑް އޮފިސަރުން ބައިވެރިވިއެވެ.

ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ.

ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ގާއިމްކޮށްފައިވަނީ ހިޔާގެ އެޗް 4 ވަނަ ޓަވަރުގައެވެ. ފުލުހުން ގެންދަނީ ރައްޔިތުންނަށް އަވަސް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.