"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސްޓެލްކޯއިން ސްޕޮންސަރކޮށް އެކަމުގެ އެއްބަސްވުމުގައި ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާއެކު މިއަދު ސޮއިކޮށްފިއެވެ. މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ ކަމެކެވެ.

މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ބާކީ މިއޮތް ދުވަސްތަކުގައި އެ ޕްރޮގްރާމަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދެމުން ގެންދާނޭ ކަމަށް އެކުންފުނީން ވަނީ ވިދާޅުވެފައެވެ..

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ، އެ ސޮސައިޓިގެ ޗެއަރ ޕާސަން އައިޝަތު ޝިރުހާނާއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޝިރުހާނާ ވިދާޅުވީ، މިއަދަކީ އެ ސޮސައިޓީއަށް ވަރަށްވެސް އުފާވެރި ދުވަހެއް ކަމަށާއި، 2000 ވަނަ އަހަރުއްސުރެ ހިލޭ ސާބަހަށް މަސައްކަތްކޮށް ހަކުރުބައްޔާއިމެދު މީހުން ހޭލުންތެރި ކުރުވާ، ހަކުރު ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ 22 އަހަރު ވަރަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާކަމަށާއި، އޭގެ ތެރެއިންވެސް ކުޑަކުދިން އަދި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ފާހަގަ ކޮށްލެވޭ ކަމަށް ވެސް ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ ދަށުން، ހިލޭ ކްލިނިކަކާއި، އެކުދިންނަށް ބައްޔާއެކު، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންތައްތަކެއް މަގުފަހިކޮށްދިނުމަށް، މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އިންސުލިން ޖަހަން ބޭނުންވާ ޕެން އާއި، ޓެސްޓު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެމުން ގެންދިޔަ ކަމަށް. އެހެން ނަމަވެސް، 2020 ގައި އެ ސޮސައިޓީއަށް ދިމާވި، މާލީ ދަތިތަކާއި ހުރެ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކެއް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކި ފަރާތްތަކަށް ދަންނަވަމުން ގެންދިޔައިން އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިކަން ވެދެއްވުމަށް. އަދި މިކުދިންނަށް ހަމަ އެކުދިންގެ ދިރިއުޅުން ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ ދިރި ތިބުމަށޭ. އެހީތެރިވުމަށް އަޅުގަނޑުމެން އެދެމުންދިޔައީ. އަޅުގަނޑު ވަރަށް އުފާވެއްޖެ ސްޓެލްކޯއިން އަޅުގަނޑުމެންނަށް މިކަމުގައި އިޖާބަދީ، އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނެންގެވީތީވެ" ޝިރުހާނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މޭނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ހިންގުމަށްޓަކައި ދޭންޖެހޭ ހުރިހާ ބާވަތެއްގެ އެއްބާރުލުމެއް ފުރިހަމަކަމާއެކު ދެއްވާނެ ކަމަށާއި، ސްޓެލްކޯއަކީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އެހެން ކަމުން ރައްޔިތުންނަށް ދިމާވާ އުނދަގޫތަކާއި، އަދި ދިމާވެދާނެ ކަންކަމަށް ބަލައި އަބަދުވެސް ކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިޖުތިމާއީ ސިޔާސަތުގެ ތެރޭގައި، އެއްވެސް ޖަމާތެއް ނުވަތަ ބައެއް ނުވަތަ މީހަކު ހަވާސާވެގެންގޮސް ބާކީވެ ދިއުމަކީ އެއްވެސް ހާލެއްގައި ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން. އެގޮތަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެސްއޯއީސްތަކުން، ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުނިތަކުން، މިކަހަލަ ގޮތަކަށް ހަވާސާވެގެންދާ ފަރާތްތަކާއި ދޭތެރޭގައި އަޅާލުން އެއީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑުވެސް ގަބޫލު ކުރަން" ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖްމަންޓާއި، ބޯޑުން އެކަމަށް އިސްނަގައި، އެކަން ކުރުމުގެ ފުރިހަމަ ބާރާއި، އިހްތިޔާރު ދެއްވީތީ ބޯޑަށާއި، މެނޭޖްމަންޓަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ސީއެސްއާރުގެ ދަށުން، މުޖުތަމައު ތެރޭގައި ހަވާސާވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާ، ޖަމާތްތަކަށް ކުންފުނިން ވެވެން އޮތް އެހީތެރިކަމެއް ވަމުންގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.