ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަރަށްބޮޑަށް އުފުލިފައިވާ މިދަނޑިވަޅުގައި ވެސް އެފްއެސްއެމް އިން މަސްވެރީންނާއި ރަށްރަށުގަައި ތެޔޮވިއްކާ ފަރާތްތަކަށް ތެޔޮވިއްކަމުން ދަނީ އަސްލު އަގަށްވުރެ ހެޔޮ އަގުގައި ކަމަށް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު އިއްޔޔެ ވިދާޅުވެފައިވަނީ "ދުނިޔޭގެ ތެލުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައި. އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ބޮޑު ގެއްލުން ކުޑަކުރުމުގެ ގޮތުން އެފްއެސްއެމް އިން ފިއުލް ޝެޑްތަކުންނާ، މަސްވެރިންނަށާ، ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދަނީ ސަބްސިޑައިޒްޑް އަގެެއްގައި،" ކަމަށެވެ. އެހެންނަމަވެސް ރިސޯޓްތަކަށް ތެޔޮ ވިއްކަމުންދަނީ ހަމަ އަގުގައި ކަަމަށް ވެސް ވިދާޅުވެފައިިވެއެވެ.

އެކަން އެގޮތަށް ކުރަމުންދާއިރު "ބައެއް ފަރާތްތަކުން އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރާކަން ފާހަގަވޭ،" ކަމަށް ވެސް ވިދާޅުވެފައިިވެއެވެ. އެހެން ކަމުން އެކަން ހުއްޓުވުމަށް އެސްޓީއޯއިންވަނީ ފިޔަވަޅު ވެސް އަޅަން ނިންމައިފައެވެ.

އެކަން ހުއްޓުވައި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގަ އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރުން ނަހަމަ ގޮތުގަ އަގު ބޮޑުކޮށް ތެލުގެ ވިޔަފާރިކުރުން ހުއްޓުވުމަށް، ބޭނުންވާ ވަރަށްވުރެ އިތުރަށް އެ ފަރާތްތަކަށް ތެޔޮ ދޫނުކުރާނެވާހަކަ އެފަރާތްތަކަށް އަންގާފައިވާނޭ ކަމަށް ވެސް އަމްރު ވިދާޅުވެފައިވެއެވެ.