ި ދުވަސްވަރު ޗައިނާގެ އުއިގޫރު މުސްލިމުން ބުނާ ގޮތުގައި އެމީހުނާ މަރު ލައި ނުގަނޭތޯ ދަނީ އެދެމުންނެވެ. ޝިންޖިއާންގގެ އިމާމުންގެ ގިނަ ބަޔަކު ހައްޔަރު ކުރުމާ ގުޅިގެން ކަށުކަމާކެމީގެ ކަންކަން ގެންދާނެ ފަރާތެއް ނެތުމުން މީހުންގެ މެދުގައި ނުތަނަވަސްކަން އިތުރު ވެފައި ވެއެވެ.

އިންޓަރނޭޝަނަލް ސިޓީޒް އޮފް ރެފިއުޖް ނެޓްވަރކް (އައިކޮން)ގައި މަސައްކަތް ކުރާ އުއިގޫރު މުސްލިމެއް ކަމަށްވާ އަބްދުލް އަލީ އައްޔޫބު ބުނާ ގޮތުގައި ޝިންޖިއާން ސަރަހައްދުން 613 އިމާމުން ވަނީ ހައްޔަރުކޮށްފައެވެ. 2017 އިން ފެށިގެން ޗައިނާ ސަރުކާރުން ޝިންޖިއާންގައި ހަދާފައިވާ ކޭމްޕްތަކުގައި 1.8 މިލިއަން މުސްލިމުން ހައްޔަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ބުނެއެވެ.

އައްޔޫބުގެ މިވާހަކަތައް އޭނާ ހާމަކޮށްފައި ވަނީ ވޮޝިންޓަނުގައި އޮތް ވެބިނާރެއްގައެވެ. ވޮޝިންޓަނުގައި ހުންނަ އުއިގޫރު ހިއުމަންރައިޓްސް ޕްރޮޖެކްޓުން އިންތިޒާމް ކުރި މި ވެބިނާރ ގައި އޭނާ ކިޔައިދިން ގޮތުގައި 2018 ގެ މޭ މަހުން ފެށިގެން ކުރަމުން ދިޔަ ދިރާސާއެއްގައި ދައްކަނީ، ޗައިނާ ކޮމިއުނިސްޓް ޕާޓީން އެންމެ ބޮޑަށް އަމާޒު ކުރާ އެއް ބަޔަކީ މިސްކިތްތަކުގެ އިމާމުން ކަމަށެވެ.

މި ވެބިނާގެ މައުޟޫއަކީ "ކޮބާ އިމާމުން؟ ގިނަ އަދަދަކަށް ދަންނަބޭކަލުން ހައްޔަރުކުރުމުގެ ހެކިތައް" މިއެވެ.

މި ދިރާސާ ފެށިއިރު، ބަންދުގައި ތިބީ 300 އިމާމުން ކަމަށް ރެޖިސްޓްރީ ކުރެވުނެވެ. އަދި އެންމެ ފަހުން އަޕްޑޭޓް ކުރެވުނު އިރު، 613 އިމާމުން ބަންދުކޮށްފައިވާ ކަމަށް ދައްކައެވެ.

އައްޔޫބަކީ ބަހުގެ ދިރާސާތަކާ ބެހޭ ތަޖުރިބާކާރެކެވެ. 2013އާއި 2014ގައި އޭނާ ހުރީ އެކަހެރިކޮށް ބަންދުކޮށްފައެވެ. އޭނާގެ ކުށަކީ، އުއިގޫރު މުސްލިމުގެ ސަގާފީ އިޖުތިމާއީ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރުމެވެ. އޭނާ ވަނީ އޭނާގެ ދިރާސާގައި ކުރިން ކޭމްޕްތަކުގައި ބަންދުކޮށްފައިވާ 16 މީހަކާވެސް އިންޓަރވިއުކޮށްފައެވެ.

މި އިންޓަރވިއުގައި ބައިވެރިވެފައިވާ މީހުން އޭނާއަށް ކިޔައިދިން ގޮތުގައި އިމާމުންނާއި ޖަމާއަތްތެރިން ގިނައަދަދަކަށް ބަންދު ކުރުމުން ކަށުކަމާ ކެމީގެ ކަންކަން ކުރާނެ މީހުން ނެތުމުން މީހުން ތިބީ މަރުނުވޭތޯ ދުއާކޮށްކޮށެވެ.

ނެދަރލެންޑުން އިންޓަރއުގައި ބައިވެރިވި ކުރީގެ އަސީރަކު ބުނިގޮތުގައި މައްޔިތުން ވަޅުލުމަށް ރެޖިސްޓްރީކޮށް ފައި މަޑުކޮށްގެން ތިބެން ޖެހެއެވެ.

"މިސްކިތްތައް ވަނީ ތަޅާލާފަ. އިމާމުން ވަނީ ހައްޔަރުކޮށްފައި. ކަށުނަމާދާއި ކަށުކަމާކެމީގެ ކަންކަން ގެންދާނެ ބައެއް ނެތް. ވަރަށް ދެރަ ގޮތެއް" ނެދަރލެންޑުން ވާހަކަ ދެއްކި މީހާ ކިޔައި ދިނެވެ.

މި ވެބިނާރގައި ބައިވެރިވި، ޔުނިވަރސިޓީ އޮފް ލަންޑަންގެ އޮރިއެންޓަލް ސްޓަޑީޒްގެ ޕްރޮފެސަރ ރާޗެލް ހެރިސް ވިދާޅުވިގޮތުގައި އުއިގޫރު މީހުންގެ ތެރޭގައި އަންހެނުންގެ ކަށުކަމާކެމީގެ ކަންކަން ހިންގާ އަންހެނުންނާއި ގުރުއާން ކިޔަވައިދޭ އަންހެން މުދައްރިސާއިން ތިބެއެވެ. އޭނާ ހުށަހެޅުއްވީ ދިރާސާ ކުރާއިރު ދީނީ ކަންކަމުގައި އުޅޭ އަންހެނުން ހައްޔަރުކުރުމުގެ ހަރަކާތެއް ހިންގާފައިވޭތޯ ބެލުމަށެވެ.