ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ފުންކުރުމުގެ މަސައްކަތުގެ 37 ޕަސެންޓް މިހާރުވަނީ ނިމިފައި ކަމަށް އެމަސައްކަތްކުރާ އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 47.01 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ސަރުކާރުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ މިއަހަރު ޖަނަވަރީ މަހުގެ ވިހި ވަނަދުވަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައި ވަނީ ހުސްވި ޖޫން މަސްތެރޭގައެވެ.