އައްޑޫ ސިޓީ މަރަދޫ ގެއެއްގެ ދަރުބަދިގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު 16:04 އެހައިކަންހާއިރު އެވެ. ޚަބަރު ކިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ބަދިގޭގައި ހުރި ދަރުތަކުގައި ރޯވި އަލިފާން މިއަދު 17:15 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް ބަދިގެތެރޭގައި ގިނަ އަދަދަކަށް ލަކުޑިދަރު ހުރުމުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 18:12 އެހައިކަންހާއިރުއެވެ.

މީހުން ދިރިއުޅޭ ގެއަކާ އިންވެގެން ގާތްގަނޑަކަށް 4 ފޫޓް ދުރުގައި ހުރި މި ބަދިގޭގައި ރޯވި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެެއް ނުވެއެވެ.