ޖޫން 2022 ގައި މީރާއަށް 2.32 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %95.1 އިތުރު އަދަދެކެވެ. އަދި، ޖޫން 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %74.1 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދިން ގޮތުގައި، ޖޫން 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭންކްތަކުން އަދި ވިޔަފާރިތަކުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަނެއް ސަބަބަކީ، ޖޫން 2021 ގައި އައިސްފައިވާ ޓެކްސް ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކާއި ދިމާވުމުގެ ސަބަބުން ޖުލައި 2021 އަށް ފަސްކުރުމުގެ ސަބަބުން، ޖޫން 2021 ގައި އާންމުކޮށް ލިބެންޖެހޭ އާމްދަނީ ޖުލައި 2021 އަށް ފަސްވުމެވެ. މީގެ އިތުރުން، މޭ 2021 އާ އަޅައިބަލާއިރު، މޭ 2022 ގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 94.3% އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ކަމުގެ ސަބަބުން ޓި.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. މި ސަބަބު ތަކުގެ އިތުރުން، ސަރުކާރުން އަލަށް ކުއްޔަށް ދޫކުރި ރަށްރަށުގެ ޓޫރިޒަމް އެޑްމިނިސްޓްރޭޝަން ފީ ޖުލައި 2022 ގައި ލިބިފައިވުމުން އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޖޫން 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ %36.5 ނުވަތަ 846.62 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ %26.2 ނުވަތަ 607.18 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 418.56 މިލިއަން ރުފިޔާ (%18.0)، ލޭންޑް އެކިއުޒިޝަން އެންޑް ކޮންވަރޝަން ފީ ގެ ގޮތުގައި 154.57 މިލިއަން ރުފިޔާ (%6.7)، ގްރީން ޓެކްސްގެ ގޮތުގައި 70.83 މިލިއަން ރުފިޔާ (%3.1) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 222.54 މިލިއަން ރުފިޔާ (%9.6) ލިބިފައިވެއެވެ.

ޖޫން 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 81.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

-ޚަބަރު: މީރާ