އެސްޓީއޯއިން ރޭޑިއޯގްރަފީ ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ. އެ ކުންފުނީން ވިދާޅުވެފައިވާ ގޮތުގައި ކޯސް ފަށާނީ މިއަަހަރުގެ ސެޕްޓެމްބަރ މަހުގައި ކަމަށެވެ. އެސްޓީއޯއިން ވިދާޅުވެފައިވަނީ މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށެވެ.

ކޯހަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ސައިންސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވުމެވެ. ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 ކުދިންގެ ކޯސްފީ ހަމަޖައްސައިދޭނީ އެސްޓީއޯއިން ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. މިއީ ލެވެލް 5، ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. ކޯހުގެ މުއްދަތަކީ 2 އަހަރާއި 6 މަސް (ކޯހުގެ ކިޔްވުން ކުރިޔައްދާނީ 2 އަހަރަށް އަދި އިންޓަރންޝިޕް މުއްދަތަކީ 6 މަސް) ކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.

މި ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓް އަދި 2021 ވަނަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯ.ޖީއީ ސްކިލް ލެބްގައެވެ.