ރުގުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނުކޮށް، ޖިންސީ އަދި ޖިސްމާނީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

އުތުރުގެ ރަށެއްގައި ހިނގި އެ ހާދިސާގައި ތުހުމަތު ކުރެވެނީ އަނިޔާވި އަންހެން މީހާގެ އުމުރުން 24 އަހަރުގެ ފިރިމީހާއާއި، އަންހެން މީހާއަށް ރުގުޔާ ކުރަން ކަމަށް ބުނެ އެ ފިރިމީހާ ގެނައި 39 އަހަރުގެ ފިރިހެނަކަށެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރީ 39 އަހަރުގެ މީހާއެވެ. 24 އަހަރުގެ މީހާގެ ބަންދަށް އިތުރުކުރީ 15 ދުވަހެވެ.

އެ މައްސަލައިގެ ތުހުމަތުގައި 39 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 22:30 ގައެވެ. އަދި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހެނދުނު 09:51 ގައެވެ.

ރުގުޔާ ކުރަން ގެނައި މީހާ ވަނީ އެ އަންހެން މީހާއަށް އެކި އެކި ޖިސްމާނީ އަނިޔާ ކުރުމަށްފަހު އޭނާ ރޭޕްކޮށްލާފައި ކަމަށް އެ އަންހެން މީހާ ވަނީ ބުނެފައެވެ.