މައިންބަފައިންގެ ހައިސިއްޔަތުން ދަރިފުޅަށް ނަފްސާނީ އެހީތެރިކަން ބޭނުންވާނެ ކަމުގެ ނިޝާންތައް ދެނެގަތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އެގޮތުން މުހިންމު އިންޑިކޭޓަރުތަކަށް ބަލާލަމާ ހިނގާށެވެ.

ދަރިފުޅަށް ގިނައިން ދެރަވެ އިނުން، އެކަހެރިވުން، ނުވަތަ އެއްވެސް ސަބަބެއް ނެތި ކަރުނައާ ގާތްވާހެން ހީވާނަމަ، އެއީ ނަފްސާނީ ގޮތުން އެކުދިންގެ ހިތުގައި ނުތަނަވަސްކަން ހުރުމުގެ ހެއްކަކަށް ވެދާނެއެވެ. އެކުދިން އިހުސާސްތައް ފާޅުކުރުން ނުވަތަ އެކުދިންނަށް އުނދަގޫވާ ގޮތްތައް ކިޔައިދިނުމަކީ އެކުދިންނަށް އުނދަގޫ ކަމެކަށް ވެދާނެއެވެ.

ކުއްޖާގެ އަހުލާގަށް ފާހަގަކުރެވޭ ބަދަލުތައް މިސާލަކަށް، ރުޅިވެރިކަން އިތުރުވުން، އެހެން މީހުން ކިބައިން އެކަހެރިވާ ބޭނުންވުން، ނުވަތަ މޫޑް ސްވިންގްވުން ފަދަ ކަންކަމަކީ ނަފްސާނީ ހާސްކަން އަންގައިދޭ ކަމެކެވެ. އެކުދިން ޢަމަލުކުރަނީ އަޚްލާޤުން ބޭރުން، ރުޅިގަދަކަމާއި ނުކިޔަމަންތެރިކަން ދައްކައިގެންނެވެ.

އާންމު ދިރިއުޅުމުގައި ދިމާވާ ސްޓްރެސްތަކާ ކުރިމަތިލާން އުނދަގޫވާ ނުވަތަ ބަދަލުތަކަށް އަހުލުވެރިވާން އުނދަގޫވާ ކުދިންނަށް އިތުރު އެހީތެރިކަން ބޭނުންވާނެއެވެ. ފަސޭހައިން ހާސްވެ، ކަންބޮޑުވެ، އާ ކަންކަމާ ކުރިމަތިލާން އުނދަގޫވެދާނެއެވެ.

އިޖުތިމާއީ މުއާމަލާތްތަކުން ކުއްޖާ އަބަދު ދުރުހެލިވެއްޖެ ނަމަ ނުވަތަ އެކުވެރިންނާއި އާއިލާއާ އެކަހެރިވެއްޖެނަމަ އެއީ ނަފްސާނީ އުނދަގޫތަކެއްގެ އަލާމާތަކަށް ވެދާނެއެވެ. އެކަހެރިކަމަށް އިސްކަންދީ، ގްރޫޕް ހަރަކާތްތަކުގައި ބައިވެރިވުމަށް މިކަހަލަ ކުދިން ދެކޮޅު ހެދޭނެއެވެ.

ނަފްސާނީ ގޮތުން ދިމާވާ ދަތިތަކުގެ ސަބަބުން ދަރިފުޅަށް ސްކޫލުގައި ފޯކަސް ކުރުމަށް ނުވަތަ ސަމާލުކަން ދިނުމުގެ ގާބިލުކަމަށް އަސަރުކޮށް، ތައުލީމީ ގޮންޖެހުންތައް ކުރިމަތިވެއެވެ. އެކުދިންގެ ޕާފޯމަންސަށް އަސަރުކޮށް، ސައުގުވެރިކަމެއް ނެތްކަމަށް ފެންނާނެއެވެ.

ނިދުމަށް ފާހަގަކުރެވޭ ބަދަލުތައް މިސާލަކަށް. ނިދަން އުނދަގޫވުން ނުވަތަ ގިނަގިނައިން ހޭލުން ފަދަ ކަންކަމަކީ ނަފްސާނީ ހަލަބޮލިކަން އަންގައިދޭ ކަމެކެވެ. ސްޓްރެސް އާއި އެންޒައިޓީގެ ސަބަބުން ރަނގަޅަށް އަރާމުކުރުމުގެ ގާބިލުކަމަށް ބުރޫ އަރާނެއެވެ.

ގޮތް ނޭނގޭ ޖިސްމާނީ އަލާމާތްތައް މިސާލަކަށް، ސާފު ސިއްހީ ސަބަބެއް ނެތި ބޮލުގައި ރިއްސުން، ބަނޑުގައި ރިއްސުން، ނުވަތަ މަސްތަކުގައި ރިހުންމުގެ ޝަކުވާއަކީ ނަފްސާނީ ހާސްކަމުގެ އަލާމާތްތަކަކަށް ވެދާނެއެވެ. މި ޖިސްމާނީ އަލާމާތްތަކަކީ އެކުދިންގެ އިންޓާނަލް ސްޓަރަގަލްތައް ފާޅުކުރާ ގޮތް ކަމަށް ވެދާނެއެވެ.

އެންޒައިޓީ ނުވަތަ ބުލީ ކުރުން ފަދަ ކަންކަމޭ ބުނެ ސްކޫލަށް ހާޒިރުވާން ދެކޮޅު ހެދުން އެއީ ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. އެއީ ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ ކަންކަމަށް އިޝާރާތް ކުރެވިދާނެ ކަމެކެވެ.

ބަނޑުހައިވުން ނުވަތަ ކެއުމުގެ އާދަތަކަށް އަންނަ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ބަނޑުހައިހޫނުކަން ދަށްވުން ނުވަތަ މާގިނައިން ކެއުމަކީ ނަފްސާނީ ތަކުލީފަކަށް އިޝާރާތް ކޮށްފާނެ ކަމެކެވެ. އެކުދިންގެ ކެއުމުގެ ވައްޓަފާޅި މޮނިޓަރ ކުރުމުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ދެނެގަނެވިދާނެއެވެ.

މި ނިޝާންތަކަށް ސަމާލުކަންދީ، އެހީތެރިވެދޭ މާހައުލެއް ހޯދައިދީގެން، ކުއްޖާގެ އިހުސާސްތައް ނެވިގޭޓްކޮށް، ރެޒިލިއަންސް އުފައްދަން އެހީތެރިވެދެވިދާނެއެވެ. އެކުދިންނަށް ޚިޔާލު ފާޅުކުރުމަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމާއި، ބޭނުންވެއްޖެ ނަމަ ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.

މައުލޫމާތު: ޓައިމްސް އޮފް އިންޑިޔާ