އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައި.ސީ.އާރު.ސީ) އިން ވަމުންގެންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ޝުކުރު އަދާކުރައްވައިފިއެވެ.

ނައިބު ރައީސް މިކަމަށް ޝުކުރު އަދާކުރައްވާފައިވަނީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަހައްދުގެ ވަފްދުގެ އިސްވެރިޔާ އިސްވެރިޔާ މިސްޓަރ ކަދިރް އޮމަރު، އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބުރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރެޑް ކްރެސެންޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަފުދުގެ ބޭފުޅުންނަށް އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަަހައްދުގެ ވަފްދުގެ އިސްވެރިޔާ ވަނީ އެ ޖަމިއްޔާއަށް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ދާއިރާގެ މާހިރުންގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕަރޓިސް އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭގެ ކަމާބެހޭ އިދާރާތައް ހިމެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެ، އައި.ސީ.އާރު.ސީ އިން ހިންގާ އިތުރު ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުސަތުތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ ނައިބާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ވަނީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް އާއި ދިވެހިރާއްޖެއާ ދެމެދު ދެމެހެއްޓިނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.