ޕާކިސްތާންގެ ޚައިބަރު ޕަޚްތުންޚްވާގެ ޚުއްރަމްގައި ޕެސެންޖަރު ވޭންތަކަކަށް ބަޑިން ޓެރަރިސްޓް ހަމަލާދީ ޝަހީދުކޮށްލި މީހުންގެ އަދަދު 42 އަށް އަރާފައިވެއެވެ. އަދި 30 އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.

ޕާކިސްތާންގެ ރައީސާއި ބޮޑު ވަޒީރު ވެސް ވަނީ މިހާދިސާ ކުށްވެރި ކުރައްވާފައެވެ. އަދި އެމެރިކާ އެމްބަސީއާއި ބޭރުގެ ފަރާތްތަކުންވެސް މިކަން ކުށްވެރިކޮށްފައި ވެއެވެ.

ޚުއްރަމްގައި، މަރުވި މީހުންގެ ތެރޭގައި 7 އަންހެނުންނާއި ނުވަ އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

މި ހަމަލަ އިއްޔެ ދީފައި ވަނީ މަޒުހަބީ ފިތުނަވެރި ކަމެއްގެ ތެރޭންނެވެ. މަރުވެފައިވާ އެންމެނަކީ ޝީއީ މަޒުހަބުގެ މީޙުންނެވެ.

ފުލުހުން ބުނިގޮތުގައި ޓެރަރިސްޓުން ހަމަލަ ދިނީ، 200 އެއްހާ އުޅަނދު ހިމެނޭ ގާފިލާއެއް ޕަރަޗިނާރު އަވަށުން ޕެޝަވާރަށް ދަތުރުކުރަމުން ދަނިކޮށެވެ.

އަދި ހަމަލަ އަމާޒު ވެގެން ދިޔައީ ގާފިލާގެ ދެވަނަ އުޅަނދަށެވެ.

މި ހާދިސާގެ ޒިންމާ އަދިވެސް އެއްވެސް ގްރޫޕަކުން އުފުލާފައެއް ނުވެއެވެ.

މި ހަމަލަ ދީފައި ވަނީ އިއްޔެ މެންދުރު 1:20 ހާއިރު އެވެ.

ބެލެޥޭ ގޮތުގައި މި ހަމަލައަކީ، އޮކްޓޯބަރު 12 ވަނަ ދުވަހު ދީފައިވާ ހަމަލާގައި މަރުވެފައިވާ ދެ އަންހެނަކާއި ކުޑަކުއްޖަކާއެކު 15 މީހުންގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.

މިއީ ގަބީލާ ސަރަހައްދެކެވެ. މިހިސާބުގެ މަސްރަހު އަދިވެސް ހޫނުކަމަށް ފުލުހުން ބުނެއެވެ.