ޔޫރަޕާއި އެމެރިކާގެ ބައެއް ޔުނިވާސިޓީތަކުން ވަނީ ގައުމީ ސަލާމަތާ ބެހޭ ސަބަބުތަކާ ހެދި ޗައިނާގެ ދަރިވަރުން އެތަންތާގައި ކިޔެވުން މަނާކޮށްފަ އެވެ. މިހާރު ސްވިޒަލޭންޑްގެ ޓެކްނޮލޮޖީގެ މުއައްސަސާއަކުން ވެސް ވަނީ ޗައިޏާ ދަރިވަރުން ބަލައި ނުގަންނަން ނިންމާފައި ކަމަށް ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ބުނެއެވެ.

ސްވިޒަލޭންޑަކީ ސިޔާސީ ގޮތުނ ވްކި ފަރާތަކަށް ނުޖެހޭ އުސޫލަށް ތަބާވާ ގައުމެކެވެ. ނަމަވެސް އިންޖިނިއަރިން އަދި ސައިންސްގެ މަތީ ފެންވަރުގެ އިންސްޓިޓިއުޓެއް ކަމަށްވާ އީޓީއެޗް ޒިއުރިކް އިން ވަނީ ޗައިނާގެ ދަރިވަރުންނަށް ގަވާއިދު ހަނިކޮށްފަ އެވެ.

އީޓީއެޗް ޒިއުރިކް އުފެދުނީ 1854 ވަނަ އަހަރު އިންޖިނިއަރުންނާއި ސައިންސްވެރިން ތަމްރީނު ކުރުމަށެވެ. 170 އަހަރު ވަންދެން ސެކިއުރިޓީ ޗެކެއް ނެތި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ޔުނިވާސިޓީއަށް ދަރިވަރުން ވައްދާފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ އާއި ޔޫރަޕްގައި ތިބި ޗައިނާގެ ބައެއް ދަރިވަރުން ވަނީ އެމީހުންގެ އުފަން ގައުމާ ނާޒުކު ދިރާސާތައް ހިއްސާކޮށްފަ އެވެ. މި ދިރާސާތަކުގައި ޑިފެންސް އަދި ސެމީކޮންޑަކްޓަރ ޓެކްނޮލޮޖީތައް ހިމެނޭތީ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އެކަމުގެ ރައްދުގައި އީޓީއެޗް ޒިއުރިކް އިން ނިންމީ ޗައިނާ އާއި އެހެން ގައުމުތަކުގެ ދަރިވަރުން ސްކްރީން ކުރަން ކަމަށް ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނެ އެވެ.