ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން 33 މީހުންނާއެކު ރ.މީދޫއަށް ދަތުރުކުރަމުންދިޔަ "އަލިސް" ނަމަކަށް ކިޔާ ލޯންޗެއް، އެރިޔަދޫ ރިސޯޓް ކައިރިން އިންޖީނު ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީވާން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 17:59 އެހައިކަންހާއިރުއެވެ. މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަޙައްދަށް ގޮސްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ "ވެލާނާ" އިން ވަނީ އިންޖީނު ހުއްޓުނު ލޯންޗުން ދަތުރުކުރަމުންދިޔަ އެންމެން އެއަށްބަދަލުކޮށްފައެވެ. މިހާރު އެމީހުން މާލެ ގެނައުމަށް "ވެލާނާ" ދަނީ ދަތުރު ކުރަމުންނެވެ.