ރާއްޖޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މައްސަލައިގައި މީގެކުރިން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހީންނެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރީ މި މަހުގެ 11 ވަނަ ދުވަހުގެ ރެ އެވެ. އެ މައްސަލައާ ގުޅިގެން މާލެ އާއި ތ. ތިމަރަފުށީގެ ބައެއްގެ ވަނީ ބަލައި ފާސްކޮށްފައެވެ.

ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އާއި ތިމަރަފުށިންނެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުންނެވެ.