ސިރީލަންކާގައި ތިބި ދިވެހިންގެ ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

"ލަންކާގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު. އަޅުގަނޑުމެން މި ގެންދަނީ ހާލަތު ވަރަށް ކައިރިން ބަލަމުން،" ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހަންމަދު މިއަދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ 15،000 އަށްވުރެ ގިނަ މީހުން އަވަށްޓެރި ލަންކާގައި ދިރިއުޅެއެވެ.

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއާއި ގުޅިގެން އެގައުމުގެ ގިނަބަޔަކު އަންނަނީ މުޒާހަރާކުރަމުންނެވެ.

އެގޮތުން ހޮނިހިރުދުވަހު އެގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ދިރިއުޅުއްވާ ގެއަށް އެތައްހާސް ބަޔަކު ވަނީ ވަދެ އެތަނަށް ގެއްލުން ދީފައެވެ.

އެގައުމުގެ ރައީސް ވަނީ މި ހަމަނުޖެހުންތަކަށް ފިއްލަވަން މަނަވަރެއްގައި ފުރާވަޑައިގެންފައެވެ. އަދި ބުދަ ދުވަހު އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާނު ކުރައްވާފައެވެ.