ހަށިގަނޑު ހެދި ބޮޑުވަމުން އައިސް، ކަނބަލުންގެ ހަށިގަނޑުގެ ތެރޭގައި އުފެދޭ ދަރިފަނި ނުވަތަ "ބިސް"، ޣަރުބަގަތުމަށް ބޭނުންވާ އަނެއް ޖިންސުގެ ދަރިފަންޏާއި ބައްދަލުނުވެ އެކްސަޕަޔަރ ވުމުމާއިއެކު، އެ ބިސް ނެތިގެންގޮސް ހަށިގަނޑުން ބޭރުވެގެންދެއެވެ. ދެން އުފެދޭނެ ދަރިފަނި ޣަރުބަގަތުމަށް އަނެއްކާވެސް ރަޙިމު ތައްޔާރުކުރުމުގެ ގޮތުން، ކުރިން އުފެދުނު ބިސް އަމިއްލަ ޒާތުގައި ނެތިގެންގޮސް، ލޭގެ ގޮތުގައި ހަށިގަނޑުން ބޭރުވެގެން ދާ މި ދިއުމަކީ ޕީރިއަޑް ނުވަތަ ޙައިޟުވުމެވެ.

އަދި ފިރިހެން ޖިންސުގެ ދަރިފަންޏާއި ކަނބަލުންގެ ބިހާ ބައްދަލުވެ ޣަރުބަގަނެއްޖެ ނަމަ، ބަލިވެނީންނަ ޙާލަތުގައި ޕީރިއަޑް ލޭގެގޮތުގައި އެ އަންނަ ލޭ، އުރަމަތީގައި އުފެދޭ ކިރަށް، އުފަންވެގެން ދާނެ ކުއްޖާގެ ކާނާއަށް، ބަދަލުވެގެން ދެއެވެ.

އިންސާނާގެ ޠަބީޢީ ޖިސްމު ޚަލްޤުކުރެއްވުމުގައި، ޚާލިޤުވަންތަ އިލާހު، މާތް ﷲ ގެ ކުޅަދުންވަންތަކަށް އިންތިހާ ފުރިހަމަ ނޫންހެއްޔެވެ!

އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ސައިންސާއިއެކު ވެސް، ދަރިން ލިބުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން، ޓެސްޓް ޓިއުބްބޭބީ މެތަޑް ބޭނުންކޮށްގެން މާބަޑުކުރުވައި ދަރިމައިކުރުމަށް ކުރެވޭ މަސައްކަތަށް ކުޑަކޮށް ނަމަހީވެސް ވިސްނާލަމާ ހެއްޔެވެ.؟

އަންހެނާއާއި ފިރިހެނާގެ ދަރިފަނި ނަގައިގެން ލެބޯރެޓަރީގައި ޣަރުބަ ގަންނުވައި، އަލުން އަނބުރައި އަންހެނާގެ ރަހިމުގެ ތެރެއަށް ވާޞިލުކުރުމަށް ހިންގޭ މަރްޙަލާތަކުގައި، ތަފާތު އެކި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، މެއްސަކަށް ވެސް ނުވަދެވޭ ބީދައިން އެއްކޮށް ބަންދުކުރެވިފައިވާ ތަންތަނުގައި ކުރެވޭ މި ބުރަ މަސައްކަތްތަކާއި ޞިއްޙީ ވަޞީލަތްތަކަށް ކުރެވޭ އިންތިހާ ހޭދަތަކާއެކުވެސް މިކަން ކާމިޔާބު ކުރެވެނީ މަދު އިންސައްތައެއް ނޫންހެއްޔެވެ؟

ދެމަފަރިންގެ ދެމެދުގައި ޝަހުވާނީ އެދުންތައް އުފެދި ޖިންސީ ޢަމަލުތައް ކުރެވެމުންދާ ހިނދު، ދެޖިންސުގެ ޖިންސީ ގުނަވަންނަތަކުގައި ވެސް އުފެދެމުންދާ ދިޔަވަރާއިމެދު، ވިސްނާ ލީމުހެއްޔެވެ؟ އެއްޔަކީ ހަމައެކަނި ގުޅުން ހިންގުމަށް ފަސޭހަކޮށްދޭ އެއްޗަކަށްވުރެން އިތުރު ޙިކުމަތްތަކެއް އޭގައިވާ އެއްޗެއްމެއެވެ.

ދަރިފަންޏަކީ ވަކި ފިނިހޫނުމިނެއްގައި އެހެނިހެން ޖަރާސީމުތަކުން ރައްކާތެރިކުރެވިގެން މެނުވީ، ދުޅަހެޔޮގޮތެއްގައި ދިރި ނުހުންނާނެ އެއްޗަކަށް ވީހިނދު، އެ ފަނި ޚަލްޤުކުރެއްވި ޚާލިޤުވަންތަ އިލާހު އުފެއްދެވި ފުރިހަމަ ނިޒާމެކެވެ. އިންތިހާއަށް ފުރިހަމަ ނިޒާމު އުފައްދަވައި ދޫކޮށްލެއްވީކީ ވެސް ނުމެ ނޫންމެއެވެ. އެ ޕްރޮޑަކްޓްސްއާއިއެކު، މެނުފެކްޗަރގެ ޔޫސާރ މެނުއަލްއެއް ވެސް ދެއްވިއެވެ.

ވިސްނަވާލަށްވާށެވެ! ދަރިފަނި ނަގައިގެން ތެސްޓްޓިއުބް ބޭބީން އުފެއްދުމުގައި ޙަރަކާތްތެރިވާ ޞިއްޙީ މާހިރުން، ނޭވާ ކޮޅެއްގެ މިންވަރުވެސް އެ ދަރިފަންޏަށް ނޭޅޭނެ ބީދައިން، ހަތަރެސްފަޔަށް އަންގިލައްވައިގެން، މޫނާއި ބޯވެސް ނިވާކޮށްގެން، ބަންދުވެފައިވާ ތަނެއްގައި، ލޮލަށް ނުފެއްނަ ޖަރާސީމަކަށް ވެސް އެތެރެ ނުވެވޭނެ ބީދައިން، އެމަސައްކަތް އެކުރަނީ ދަރިފަނީގެ ނާޒުކު ކަމުންނެވެ. މަރުވެގެންދިޔަ ނުދީ ދުޅަހެޔޮކަންމަތީ ބެހެއްޓުމަށެވެ.

ފިރިހެނާގެ ޖިންސީ ގުނަވަނުން 4 ބާވަތެއްގެ ދިޔައެއް ނުކުމެއެވެ. ކުޑަކަމުދާ އެއްޗިއްސާއި، މަޛްޔުއާއި، މަންޏާއި، ވަދްޔުއެވެ. އަންހެނާގެ ވެސް 4 ބާވަތެކެކެވެ. ޢަދަދު އެއްގޮތް ވީނަމަ ވެސް ޒާތާއި ވައްތަރު މުޅިއަކުން އެއްގޮތް ނޫނެވެ. ކުޑަކަމުދާތަކެތި، މަޛްޔުއާއި، ވަދްޔުއާއި، އަދި ލެއެވެ. މަޢާފް ކުރަށްވާށެވެ. ތަފްޞީލީ ގޮތެއްއްގައި މި ބާވަތްތައް ތަޙްޤީޤީ ބަހުސްގެ ތަރާދެއްގައި ކިރާލުމަށް އެންމެ މުނާސަބު މަޤާމު ނޫންކަމުން، އެބަހުސްގެ ތަފްސީލަކަށް މިހިނދަކު ދާކަށް ނެތީމެއެވެ.

ކުޑަކަމުދާތަކެއްޗަކީ ނަޖިހެކެވެ. ޖަރާސީމުވެސް އޭގަ އެކުލެވިގެންވުން ގާތެވެ. އެހެންނަމަ ވެސް، ކުޑަކަމުދާތަކެތި ނުކުތް ހޮޅިން، ކުޑަކަމުދިޔަތާ މިނެޓު ކޮޅެއްހައި ކުޑައިރުކޮޅެއް ފަހުން ވެސް، މަނި ނުވަތަ ދަރިފަނި ނުކުމެގެން އައިސް ޣަރުބަގަނެގެން އެދަނީ ކީއްވެހެއްޔެވެ؟ ސެނިޓައިޒާއެއް ނުވަތަ ޑިސްއިންފެކްޓެއް ބޭނުން ކުރެވުނީހެއްޔެވެ؟ އާދޭހެވެ. ކުރެވުނީއެވެ. އެހެންނަމަވެސް ޤުދުރަތީ ނިޒާމުގެ ތެރެއިންނެވެ.

މަނި ނުވަތަ ދަރިފަނި ނުކުތުމުގެ ކުރިން ނުކުންނަ މަޛްޔު އަކީ، ރައްކާތެރިކޮށްދެނިވި ސެނިޓައިޒާއެވެ. އަރާމު ކޮށްދެނިވި ލުބްރިކެންޓްސް ވެސްމެއެވެ. އަދިހަމަ، ދަރި ފަނި ނުކުތުމަށް ފަހުގައި ނުކުންނަ ވަދްޔުއަކީ ޕޯސްޓް އޮޕަރޭޝަން ސެނިޓައިޒާއެވެ. ޤުދުރަތީ ނިޒާމް ފުރުހަމައެއް ނޫންހެއްޔެވެ! ﷲ ގެ އެއްކައުވަންތަކަމާއި ޤުދުރަތްތެރިކަން ހިތްތަކަށް އިޙްސާސް ނުވޭހެއްޔެވެ؟

ބުނެވި އެދިޔައީ ޕްރްޑަކްޓް އުފެއްދެވިފައިވާ ފުރިހަމަ ގޮތެވެ. މެނުފެކްޗަރާރ ފޯރުކޮށްދެއްވި ޔޫސަރ މެނުއަލްގައި ބަޔާންކޮށްދެއްވާފައިވާ އިންސްޓްރަކްޝަންތައް ވެސް އަދި އެބަހުއްޓެވެ. ނަމަވެސް އެހެން ލިޔުމެއްގައެވެ.