ޓައިވާން ޕާލަމެންޓް ތެރޭގައި، ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާއި، އިދިކޮޅު މެމްބަރުން އެކަކު އަނެކަކުގެ ގަޔަށް އޫރުނަޖިސް އުކައި، ގޮށްމުށުން ތަޅައި މާރާމާރީ ހިންގައިފިއެވެ.

ސަރުކާރު މެމްބަރުންނާއި، އިދިކޮޅު މެމްބަރުން ޕާލަމެންޓް ތެރޭގައި ހުކުރުދުވަހު އޫރުނަޖިހުން ހަމަލާދީ، ތަޅާފޮޅައި މާރާމާރީ ހިންގީ، އެމެރިކާގެ އޫރުމަހާއި ގެރިމަސް ޓައިވާނަށް އެތެރެކުރުމަށް ސަރުކާރުން ނިންމުމުން އެކަމާ ދެކޮޅު ހަދައި، ޖަލްސާގެ ތެރޭގައި ހިނގި އަރާރުމުގައެވެ،

އިއްޔެގެ ޖަލްސާ ފެށުމާއެކު ފުރަތަމަ ތާވަލް ކޮށްފައިވަނީ، އާންމު އުސޫލުން ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ބޮޑުވަޒީރު ސޫ ސެންގް-ޗަންގްގެ ރިޕޯޓެއް އިއްވުމެވެ.

ނަމަވެސް، ބޮޑުވަޒީރު ރިޕޯޓް އިއްވަން ފެށްޓެވުމާއެކު އިދިކޮޅު ނޭޝަނަލް ޕާޓީގެ މެމްބަރުންވަނީ އޫރުގެ ނަޖިހާއި އޫރުގެ ގޮހޮރު ކޮތަޅުތައް އުކައިގަނެ، ބޮޑުވަޒީރަށް ހުރަސްއަޅާފައެވެ.

ވެރިކަންކުރާ ޑިމޮކްރަޓިކް ޕްރޮގްރެސިވް ޕާޓީގެ މެމްބަރުން މަސައްކަތް ކުރެއްވީ އިދިކޮޅު މެމްބަރުން ހުއްޓުވުމަށެވެ.

ނަތީޖާއަކަށް ވެގެންދިޔައީ، ޖަލްސާގެ ތެރޭގައި އަރާރުންބޮޑުވެ، މެމްބަރުން ގޮށްމުށުން ތަޅައި މާރާމާރީވެސް ހިންގުމެވެ.

ސަރުކާރު މެމްބަރުންނާއި، އިދިކޮޅު މެމްބަރުން އޮޅުލައި، ބަންމައްޗަށް ވައްޓާލައިގެން އުޅޭ މަންޒަރުވެސް ޖަލްސާއިން ފެނިގެންދިޔައެވެ.

އެމެރިކާގެ އޫރުމަހާއި ގެރިމަސް ޓައިވާނަށް އެތެރެކުރުން ވަރަށް ކުރީއްސުރެ އޮންނަނީ މަނާކޮށްފައެވެ.

އެހެން ނަމަވެސް، ޓައިވާންގެ ރައީސް ސައި އިންގް-ވެންގެ ސަރުކާރުން މި އަހަރުގެ އޮގަސްޓްމަހުވަނީ އެ ނިންމުން ބާތިލްކޮށްފައެވެ. އޭގެ ސަބަބުން އަންނަ ޖެނުއަރީމަހުން ފެށިގެން އެމެރިކާގެ އޫރުމަހާއި ގެރިމަސް ޓައިވާނަށް އެތެރެ ކުރެވޭނެއެވެ.

ސަރުކާރުގެ މި ނިންމުމަކީ، އެމެރިކާއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅުކަމަށް ބެލެވިފައި ވެއެވެ.

އެހެންނަމަވެސް، އެމެރިކާގެ އޫރުމަހާއި، ގެރިމަސް ޓައިވާނަށް އެތެރެކުރުމާ، އިދިކޮޅު ނޭޝަނަލް ޕާޓީގެ މެމްބަރުންނާއި އަދި ޓައިވާންގެ ބައެއް އާންމުންވެސް ގެންދަނީ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ.

ސަރުކާރުގެ ނިންމުމާ ދެކޮޅަށް ވެރިރަށް ޓައިޕޭގައި މިދިޔަ އާދީއްތަދުވަހު ވަރުގަދަ ހިނގާލުމެއްވެސް ބާއްވާފައި ވެއެވެ.

އެމީހުން ދެކޮޅުވެރިކަން ފާޅުކުރަމުން ގެންދަނީ، އެމެރިކާއިން އެތެރެކުރާ އޫރުމަހަކީ، މަސްގަނޑު ބޮޑުކުރަން ބޭސް ކާންދީގެން ބޮޑުކުރާ އޫރުގެ މަސްކަމަށްވާތީއެވެ.

މީޑިއާއިން ބުނެފައިވަނީ، އެމެރިކާއިން އެތެރެކުރަން ނިންމާފައިވަނީ ނިސްބަތުން މަދު އަދަދެއްގެ އޫރުމަސް ނަމަވެސް، މިކަމުގައި އިދިކޮޅު ނޭޝަނަލް ޕާޓީ ފޯރިގަދަ ކޮށްގެން އުޅެނީ އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އާންމުންގެ ސަޕޯޓް އިތުރުކުރުމުގެ ގޮތުން ކަމަށެވެ.