އައްޑޫސިޓީ ހުޅުދޫ ބަނދަރު މަސައްކަތުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށް އެމަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މިހާރު ހާބަރ ޕޭވަމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އަދި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 88،623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 66.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.