މިރޭ މާމިގިއްޔަށް ދިޔަ ފްލައިމީގެ ފްލައިޓް މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މާމިގިލީ އެއާޕޯޓުގައި ނުޖެއްސިގެން އެނބުރި އައިސް ހުޅުލޭގައި ޖައްސައިފިއެވެ.

މާމިގިލިން ވާހަކަދެއްކި އެރަށުގެ ރައްޔިތަކު ބުނީ އެ ބޯޓު މިރޭ އެރަށުގައި ޖެއްސުމަށް 5 ވަރަކަށް ފަހަރު ތިރި ކުރިކަމަށެވެ. އަދި ވަރަށް ގިނައިރުވަންދެން މަތީގައި އުދުހުމަށްފަހު އެންމެފަހުން މާލެ ދިޔައީކަމަށެވެ. އަދި މިހާރު އެފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައި ފިއެވެ.

މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރި ފްލައިމީގެ އިތުރަށް މިއަދު ސ. އަތޮޅު ގަމަށް ޖައްސަން ދިޔަ މަންތާ އެއާގެ ފްލައިޓެއްވެސް ގަމުގައި ނުޖެއްސިގެން ލ. ކައްދުއަށް ދިޔައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ވެލާނާ އިްނޓަރނޭޝަނަލް އެއާޕޯޓަށް އައި އިންޓަރނޭޝަލް ފްލައިޓްތަކެއްވެސް ވަނީ އެނބުރި އެހެން މަންޒިލްތަކަށް ގޮސްފައެވެ.

މާލެއާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވުމުން މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. މިރޭ 2:45 އާއި ހަމައަށް ހުދު ސަމާލު ނެރެފައިވާ އިރު މިވަގުތު ތަކުގައި ބޯކޮށް ވާރޭ ވެހުމާއި، ގުގުރުމާއެކު ވައިގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކުވެސް މިދުވަސް ވަރު މޫސުން ގޯސްވެއެވެ. މިއީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރެވެ. ހުޅަނގު މޫސުމުގެ އެންމެ ވައިބާރު ވިއްސާރަ ނަކަތްތަކެވެ. ފުސްނަކަތުގެ ފެށުމެވެ. ފުސް ނަކަތް ފެށުނީ ޖުލައި 15 ގައެވެ.