އެލްސިއޯންގެ ބާނީ ދުނބުރި ހަސަންމަނިކުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނަނީ މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ހަސަންމަނިކު އަވާހަރަވީ އާލާސްކަންފުޅާ ގިނަސް ދުވަސްތަކެއްގައި އުޅުއްވުމަށްފަހު ރޭ، އިރާކޮޅުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ.

ދުނބުރި ހަސަންމަނިކަކީ ވަރަށް ކުރީއްސުރެ ރާއްޖޭގެ ބޭކަރީ ވިޔަފާރި ފަށްޓަވައި، ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ދެމެހެއްޓެވި، އެލްސިއޯން ބޭކަރީގެ ވެރިޔާއެވެ.

ހަސަންމަނިކުވަނީ ޢިޖުތިމާޢި ގިނަ ޚިދުމަތްތަކެއްވެސް ކުރަށްވާފައެވެ. މާފަންނުގައި، ދެބުރިއަށް ޢިމާރާތްކޮށްފައިވާ، މަޝްހޫރު ދުނބުރި މިސްކިތަކީ ހަސަންމަނިކު ބިނާކުރެއްވި މިސްކިތެކެވެ. މީގެ އިތުރަށް ފަޤީރުން ނާއި ނިކަމެތިންނަށް އެހީތެރިވެ ދެއްވުމުގައި ނަމޫނާ ދެއްކެވިއެވެ.

ހަސަންމަނިކު އަވާހަރަވީ ޢުމުރުފުޅުން 80 އަހަރުގައެވެ.