ހއ. އިހަވަންދޫ ވައިޖެހޭގޭ އަލްފާޞިލާ ޖަމީލާ ޙުސެއިން (82) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއިލާއަށް ތައުޒިޔާ ދަންނަވައިފިއެވެ.

ރައީސް ސޯލިހުގެ ޓުވީޓުގައި، އާއިލާއަށް ކެތްތެރިކަން ދެއްވައި މަރްހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ދަންނަވާކަމަށް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ޖަމީލާ އަވަޙާރަވީ ހޮނިހިރު ދުވަހުގެ ހެނދުނު 10:22 ގައެވެ.

ޖަމީލާ ހުސައިން އަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރގެ މަގާމުގައި ހުންނެވި ހާމިދު ޝަފީޢު އާއި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަސްމާ ޝަފީއުގެވެސް މަންމާފުޅެވެ. އަދި ޖަމީލާ އަކީ، ކުރީގެ ރައީސް ވަހީދުގެ ދައުރުގައި ފިޝަރީޒް މިނިސްޓަރ ކަމާއި ހޯމް މިނިސްޓަރުކަން ކުރެއްވި އަހްމަދު ޝަފީއުގެވެސް މަންމާފުޅެވެ.