އއ. މާޅޮހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ، އެ ކުންފުނީން ބުނީ މިހާތަނަށް ވަނީ އެމަސައްކަތުގެ 60 ޕަސެންޓު ނިމިފައި ކަމަށެވެ،

އެމްޓީސީސީން ބުނެފައިވަނީ މާޅޮހު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. އަދި ބަނދަރު ފުންކުރުމުގެ މަސައްކަތް ވަނީ މިއަހަރު މާރޗް މަސްތެރޭ ނިމިފައިކަމަށެވެ.

މަސައްކަތުގައި ހިމެނޭ ގްރޮއިން ޖެހުމުގެ މަސައްކަތް މިހަފްތާތެރޭގައި ފެށިގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ،

މާޅޮހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.