ޕިކްނިކް ދާނޭ ރަށެއްގެ ގޮތުގައި މާލޭ ސަރަހައްދުގައި ސަރުކާރުން ތަރައްގީކުރި ކ. ކުޑަގިރީގައި ފެނަކަކޯޕަރޭޝަނުން އިމާރާތް ކުރި އިންޖީނުގޭގެ މަސައްކަތް ނިންމައި މިއަދު ކަރަންޓުދޭން ފަށައިފިއެވެ. މިއިންޖީނުގެ ހުޅުވައިދެއްވީ ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމެވެ. އެމަނިކުފާނުގެ އަރިހުގައި ފެނަކަ ކުންފުނީގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްދު ބައިިވެރިވެ ވަޑައިގެންނެވިއެވެ.

އެރަށުގައި އިމާރާތްކޮށްފައިވަނީ 350 ކިލޯވޮޓްގެ ކަރަންޓު އުފެއްދޭނެ އިންޖީނުގެއެކެވެ. އެއީ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން އިމާރާތްކޮށްފައިވާ އިންޖީނުގެއެއް ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ. ފެނަކައިން ވަނީ އިންޖީނުގެއަށް ބޭނުންވާނޭ ތެޔޮ ރައްކާކުރުމުގެ ވަސީލަތްވެސް ގާއިމްކޮށްފައެވެ. އެގޮތުން 50,000 ލީޓަރުގެ ތެޔޮ ރައްކާކުރާނޭ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

ފެނަކައިން ބުނެފައިވަނީ އެކުންފުނީން މިހާރުވާނީ ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70 ޕަސެންޓް އަވިން އުފެއްދޭނެ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފައި ކަަމަށެވެ.

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ. މަސައްކަތް ނިންމުމަށްފަހު ކުރިން އޮތީ މާދަމާ ހުޅުވާގޮތަށެވެ. އެހެންނަމަވެސް ހުޅުވުން މިހާރުވަނީ ލަސްކޮށްފައެވެ. މި މަޝްރޫގައި ކުޑަގިރި ފަޅުގައި ދެރަށް ހިއްކުމަށް ހަމަޖެހިފައިވެއެވެ.