މިނިވަން މުސްތަޤިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ، ދިވެހިން ރުހޭ ގޮތެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، އިސްތިޤްލާލް އެކީ-އެއްމާރަކުން ބަނދެވިގެންވާ، ހަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި އެދީނުގެ ރިސާލަތާއި، ޙިދާޔަތުން ދިވެހި އުންމަތް އެކުއެކީ، އަލިވެ އުޖާލާވެގެން ދިއުމަކީ ދެދުނިޔޭގައިވެސް ، ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަޞީބާ ރަޙްމަތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ، މި ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުންކަމުގައިވެސް އެމަނިކުފާނުވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގައި ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި ، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް ލާޒިމް ކަމަށެވެ. އަދި އެކަމަށްޓަކާ އެންމެ ފުރަތަމަ ރައްކާތެރިވެ ޙިމާޔަތްކުރަން ޖެހެނީ، އަޅުގަނޑުމެންގެ އީމާނާ ޢަޤީދާ އަދި މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ މިނިވަންކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއްކަމަށާއި، އެކީ އެކަތިގަނޑެއްގެ ގޮތުގައި، މިނިވަންކަމަށްޓަކާ ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިން ވަނީ ވެފައި ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި ބަޠަލުންގެ ޒިކުރާ އައުކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، މިނިވަންކަމަށްޓަކައި، ކޮންމެ ޤައުމެއްގެވެސް ޚާރިޖީ އަދި ދާޚިލީ ސިޔާސަތުގެ ދައުރު މުހިއްމު ކަމަށާއި، މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާ، ތަރައްޤީއާ، ކުރިއެރުމަށް ލާބަހުރި، ފަހި ސިޔާސަތެއް ކަމަށެވެ. އަދި ދިވެހިދައުލަތް ހިނގަމުން ދަނީ ފުރިހަމަ މިނިވަން ކަމާއި އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ދައުލަތުގެ އެންމެ އިސް ޒިންމާއަކީ ، މިޤައުމުގެ އަމިއްލަ-ވެރިކަމާ މިނިވަންކަން ދަމަހައްޓައި، ދިވެހި ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ، ރެޔާ ދުވާލު ކެނޑިނޭޅި އެ ކުރައްވަނީ އެމަސައްކަތްކަމަށާއި، އެތެރެއާ ބޭރުން ނުރައްކާ ކޮށްފާނެ ކޮންމެ ޙާލަތަކަށް، އަބަދާ އަބަދު ހޭލާ ތިބެނީ ، ރާއްޖޭގެ ސިފައިންނާ ފުލުހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މިނިވަންކަމަށްޓަކައި މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން އޮތުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، މުޖްތަމަޢުގެ ބައިބައިވުމާ ، ދެބަސްވުމާ، ހަމަނުޖެހުމާ، ހައިޖާނަކީ ޤައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށެވެ. ޢާއިލާ ތެރެއިން ފެށިގެން ދިރިއުޅޭ މާހައުލާއި، ރަށާއި، އަތޮޅާއި، މުޅިޤައުމުގައިވެސް ހަމަޖެހުން އޮންނަންޖެހޭނެ ކަމަށާ، އެއްވެސް ބަޔަކު ބާކީ ނުވާނެ ހުރިހާ ގޮތެއް ބަލައިގެން މެނުވީ، ޒުވާބުން އަރައި ނުގަނެވޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭނެ ކަމަށާ، އެއީ އަޑުއެހުމާ، މަޝްވަރާއާ އިޙްތިރާމުން މެނުވީ، ގެނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާ، ހިނގާނެ މަގު، ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށާއި އެ މަގުން ގޮސްގެން މެނުވީ، ހަމަޖެހޭ އުފާވެރި، ފާގަތި، މިނިވަން ދިވެހިރާއްޖެ އެއް ލިބިގަތުމަށް ދަތިވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޯވިޑާއި ގުޅިގެންނާއި، އަދި މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭ އިޤުތިޞާދަށް އަރަމުންދާ ލޮޅުންތަކާއި އެކަމުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ރަޝިޔާ–ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާ، މުދަލުގެ އަގު، އިންތިހާއަށް އުފުލިފައިވާކަމަށެވެ. އެހެން ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާ މިންވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް އަސަރު ނުކުރާ ކަމަށާއި، ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިނާޒުކު ދަނޑިވަޅު ރާއްޖޭގެ އިޤުތިޞޯދުގެ ހަމަ ހިފެހެއްޓުމަށް، އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމަށާއި، ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާ، އަންނަ ގުޑުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ، އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ ، ރައްޔިތުންނާއިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލާލުން ކަމަށެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުންނެއްޓި ފުރިހަމަ މިނިވަންކަން ދިވެހިރާއްޖެއަށް ލިބުމާއި ގުޅިގެންނެވެ.