އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ވޯޓު ފޮށިން ބަލިކޮށްދިނުމަށް ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންގެ ކިބައިން މިކަމަށް އެދިވަޑައިގަތީ މާފުށީ ޖަލުގައި މިއަދު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކުރައްވައި ދެއްވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށްޓަކައި މިއަދު ކޮށްދެވެން އޮތް އެންމެ ބޮޑުކަމަކީ ވޯޓު ފޮށިން އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބަލިކުރުން ކަމަށެވެ.

ދިވެހި ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.

އަދި ކޮންމެފަދަ ހާލަތެއްގައި ވެސް ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދަކީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވިތާ އަހަރު ފުރޭ ދުވަހެވެ. އެކަމާ ގުޅިގެން ޕީޕީއެމް، ޕީއެންސީން ވަނީ ކަނޑުމަތީގައިއެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ކިތަންމެ ވަރަކަށް ޕީޕީއެމް އިން ގޮވާލިނަމަވެސް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ކިތަންމެ ވަރަކަށް އިދިކޮޅު ފަރާތްތަކުން ޕްރެޝަރު ކުރިޔަސް ޖަލުގައި ހުރި ގައިދީއަކު ގާނޫނާ ޚިލާފަށް މިނިވަން ނުކުރައްވާނެ ކަމަށެވެ.