ހއ. ހޯރަފުށީގައި ހާފްވޭ ހައުސްއެއް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އަމަނާއި އަމާންކަން ގާއިމްވާނީ ދިވެހި މުޖުތަމައު ބިނާވެގެންވާ ނިޒާމުގެ ފުރިހަމަކަމުގެ މައްޗަށް ކަމުގައެވެ.
މިތަން ބިނާކުރުމުގެެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ ހާފްވޭ ހައުސްގެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ގާއިމްކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މި ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.
ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރު ވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިިސްޓަރ ވިދާޅުވިއެވެ.