ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މަތީ ފަންތީގެ ބައްދަލުވުމަކަށްފަހު ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، ޗައިނާއިން މިއަހަރު ކަނޑައަޅާފައިވާ އިގުތިސާދީ ލަނޑުދަނޑިތައް ޙާސިލުކުރުމަށް އެންމެ އެދެވޭ ނަތީޖާއެއް ނު ހޯދޭނެ ކަމަށެވެ. އެހެންނަމަވެސް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް 2022 ވަނަ އަހަރުގެ ލަނޑުދަނޑިތައް ފަހަތަށް ޖައްސާ ކަމަށެވެ.
އަހަރުގެ ދެވަނަ ބައިގައި ޗައިނާއިން "ވަޒީފާތައް އުފެއްދުމާއި ބާޒާރުގެ އަގުތައް ބޮޑު ވިޔަ ނުދީ ހިފެހެއްޓުމާއި، އެކަށީގެންވާ މިންގަނޑެއްގެ ތެރޭގައި އިގުތިސޯދީ މަސައްކަތްތައް ދަމަހައްޓައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ" ކަމަށް ރައީސް ޝީ ޖިންޕިން ރިޔާސަތު ބެލެހެއްޓެވި 25 މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޮލިޓްބިއުރޯގެ އިގުތިސޯދު ވަޒަން ކުރުމަށް ބޭއްވި ބައްދަލުވުމާ ގުޅިގެން ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓް ކޮށްފައިވެއެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޗައިނާ އިގްތިސާދު ކޯވިޑް-19ގައި ތަކުރާރުކޮށް އަޅާ ފުރަބަންދުގެ ސަބަބުން ދެވަނަ ކުއާޓަރުގައި އައު ދިރުމެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. ބެއިޖިންގއިން މުޅި އަހަރަށް އަންދާސާ ކުރާ ކުރިއެރުމުގެ އަމާޒަކީ %5.5 ކަމަށް ވާއިރު، އެ އަމާޒަށް ވާޞިލުނުވެވޭނެ ކަން ކަށަވަރު ވަމުން އަންނަކަމަށް ބެއިޖިންގގެ ތަޖުރިބާކާރުން ބުނެއެވެ. ޗައިނާއިން އެންމެ ފަހުން ކަނޑައެޅި އެގައުމުގެ ކުރިއެރުމުގެ އަމާޒަށް ވާސިލްނުވި ދިޔައީ 2015 ވަނަ އަހަރުއެވެ.
މިއަހަރުގެ ފުރަތަމަ ބައިގައި ޖީޑީޕީ ކުރިއަރާފައިވަނީ 2.5 އިންސައްތައިގައެވެ.
އޭޕްރީލް މަހު ބޭއްވި ޕޮލިޓިކަލް ބިއުރޯގެ ބައްދަލުވުމަކަށްފަހު ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ ޗައިނާއިން "އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ އަހަރީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ" ކަމަށެވެ.
ޖޫން މަހުގެ 22 ވަނަ ދުވަހު ބްރިކްސް ފޯރަމެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޝީ ވިދާޅުވީ ޗައިނާއިން ކޮވިޑް-19 އިން ރައްކާތެރިވުމަށާއި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކުރާ އަސަރު ވީހާވެސް ކުޑަކުރާއިރު، އަހަރަކު އެއްފަހަރު ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށްވެސް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
ނަމަވެސް ޖޫން މަހުގެ 28 ވަނަ ދުވަހު ވޫހާންގައި ކުރިއަށް ދިޔަ އިންސްޕެކްޝަން ޓުއާއެއްގައި ޝީ ވިދާޅުވީ "މި އަހަރު އިގްތިސާދީ ކުރިއެރުމަށް ނިސްބަތުން ރަނގަޅު ހިސާބަކަށް ދިއުމަށް ޗައިނާއިން މަސައްކަތް ކުރާ" ކަމަށެވެ.
ހަމަ އެފަދައިން، މިދިޔަ ހަފްތާގައި، ވާރލްޑް އިކޮނޮމިކް ފޯރަމްގައި، ޗައިނާގެ ބޮޑުވަޒީރު ލީ ކެޝިއާންގް ވިދާޅުވީ، "މުޅި އަހަރަށް އިޤްތިޞާދީ ތަރައްޤީގެނައުމުގައި، ނިސްބަތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ޗައިނާއިން މަސައްކަތް ކުރާނެ" ކަމަށެވެ.
ބުރާސްފަތި ދުވަހު ޒިންހުއާ އިން ބުނީ ޗައިނާގެ އިޤްތިޞާދު ކުރިއެރުވުމުގައި ބޮޑެތި ޕްރޮވިންސްތަކުން އިސްނަގަން ޖެހޭ ކަމަށާއި، އެ ޕްރޮވިންސްތަކުގެ އިޤްތިޞާދީ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނެ ފަދަ ޙާލަތެއްގައި ތިބި ފަރާތްތަކުން އެކަން ކުރަން ޖެހޭ ކަމަށެވެ.