ޓައިވާންގެ މައްސަލާގައި އަލިފާން ނުކުޅުއްވުމަށް ޗައިނާގެ ލީޑަރު ޝީ ޖިންޕިން، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއެކު ބުރާސްފަތި ދުވަހު ކުރެއްވި ކޯލެއްގައި އިންޒާރު ކުރައްވައިފިއެވެ. ޗައިނާ އާއި އެމެރިކާގެ ގުޅުން އިންތިހާއަށް ގޯސްވެފައި ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ، ޗައިނާގެ ބާޣީ ޕްރޮވިންސެއްކަމަށް ބަލާ ޓައިވާނަށް އަންނަ މަހު ވަޑައިގަތުމަށް އުޅުއްވާތީއެވެ.

"އަލިފާނާ ކުޅޭ މީހުން އޭގެ ސަބަބުން ހަލާކުވެގެން ދޭ،" ޗައިނާގެ ހާރިޖީ ވުޒާރާއިން ޝީ ވިދާޅުވިކަމަށް ބުންޏެވެ.

ޝީ ވިދާޅުވީ ވޮޝިންޓަން އިން ޒަމާނުއްސުރެން ގެންގުޅެމުން އައި އެއް ޗައިނާގެ އުސޫލަށް ތަބާވާން ޖެހޭނެ ކަމަށެވެ. އަދި ޗައިނާއިން ޓައިވާންގެ މައްސަލާގައި ބޭރުން ނުފޫޒު ފޯރުވުމަކީ ބެއިޖިންގއިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެއް ކަމަށެވެ.

ބައިޑަން ޝީއަށް ވިދާޅުވީ ޓައިވާނާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށާއި، ހާލަތު ބަދަލުކުރުމަށް ނުވަތަ ޓައިވާން ސްޓްރެއިޓް ހުރަސްކޮށް ސުލްހައާއި ހަމަޖެހުން ނަގާލުމަށް ޗައިނާއިން އެކަހެރިގޮތެއްގައި ކުރަމުންދާ މަސައްކަތްތަކާ ވޮޝިންޓަންއިން ދެކޮޅު ހަދާ ކަމަށެވެ.

ދެ ބޭފުޅުންގެ ފޯނު މަޝްވަރާއަށް ފަހު ޓައިވާނުން ވަނީ ބައިޑަން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި އެމެރިކާއާއެކު އޮންނަ ސަލާމަތީ ޕާޓްނަރޝިޕް އިތުރަށް ވަރުގަދަކުރުމުގައި ދެމިތިބޭނެކަމަށް ބުނެފައެވެ.

ވައިޓް ހައުސް އިން ބުނީ މީގެ ދުވަސްތަކެއް ކުރިން ތާވަލްކޮށްފައިވާ މި ކޯލަކީ ބައިޑެންގެ ސަރުކާރުން ޗައިނާއާ އެކު ގުޅުންތައް އިތުރަށް ރަގަޅުކޮށް "ޒިންމާދާރުކަމާއެކު ދެބަސްވުންތައް މެނޭޖްކުރުމަށް" ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.

ވަކިން ޚާއްސަކޮށް ޓައިވާންގެ މައްސަލަ ފިނިކުރުމަށް އެމެރިކާއިން މަސައްކަތް ކުރާ ކަމަށެވެ.