ޓައިވާނުން ވަނީ އެގައުމުން ކޮންމެ އަހަރަކު ބާއްވާ ދިފާއީ އަސްކަރީ ތަމްރީންތައް ފަށާފައެވެ. ހާން ކުއާންގް އަސްކަރީ ތަންރީންތަކަކީ 24 މިލިއަން މީހުންގެ ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާންގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ލައިވް ފަޔާ ޑްރިލްތަކެވެ.

ޓައިވާންގެ ރައީސް ޓްސައި އިންގް-ވެންގެ ބައްލަވާލުމާއެކު، ޓައިވާންގެ ސިފައިން ވަނީ، އުތުރު އިރުމަތީ ޓައިވާންގެ އަސްކަރީ ބޮޑު ބަނދަރެއް ކަމަށްވާ ސޫއާއޯ ނޭވަލް ބޭސްއަށް ދިން ހަމަލާއެއް ސިމިއުލޭޓްކޮށް، އެހަމަލާ ދިފާއު ކުރުމުގައި އެގައުމުގެ ސިފައިންގެ ދައުރު ދައްކާފައެވެ.

ދެ ގަޑިއިރު ވަންދެން މިރާޖް 2000 އާއި އެފް-16 ޖެޓްތައް ވަނީ އިރުމަތީ ފަރާތުން ޙަމަލާދޭ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ހުރަސްކުރިޔަ ނުދީ ހިފަހައްޓާފައެވެ.

ހެލިކޮޕްޓަރުތަކާއި ސަބްމެރިންވެސް މީގައި ބައވެރިކޮށްފައި ވެއެވެ. އަދި ގައިޑެޑް-މިސައިލް ޑިސްޓްރޯޔާތަކުން ވަނީ ގޮނޑުދޮށަށް ފައިބާ ފައިވާ ހީވެސް ނުކުރާ ފަދަ ބޮޑު ލަޝްކަރަކާ ކުރިމަތިލައި ކެނަންއާއި މިސައިލް އަދި ޓޮރުޕިއޯ ފަދަ ތަކެތި ގޮއްވާލައިގެން ދިފައު ކޮށްފައެވެ.

މި ޑްރިލްތަކުން ދައްކުވައިދެނީ "އަހަރެމެންގެ ގައުމުގެ ދިފާއުގައި އަހަރެމެންގެ ސިފައިންގެ ގާބިލްކަމާއި އަޒުމް" ކަމަށް ޓްސައި ފަހުން ސިފައިންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

މި ޑްރިލްތައް ކުރިއަށް ގެންދާ ގޮތާއި މެދު އެންމެ ޝައުގުވެރިކަން ބަހައްޓާ ގައުމުތަކުގެ ތެރޭގައި ޗައިނާގެ ސިފައިންވެސް ހިމެނޭނެ ކަމަށް ވުން އެކަށީގެންވެ އެވެ.

ޗައިނާއިން ދެކެނީ ޓައިވާނަކީ ބާޣީ ސަރަހައްދެއް ކަމަށެވެ. އަދި2025 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާ އިން ޓައިވާނަށް އަރައިގަނެ ވެރިކަން ފުރޮޅާލައި އެތަން ހިފާނެ ކަމަށް ލަފާ ކުރެވިފައި ވެއެވެ. މިފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި، ޗައިނާއާއި ޓައިވާނާ ދެމެދު އަސްކަރީ ނުތަނަވަސްކަން ކުރިން ނެތް މިންވަރަށް މިހާރު ނުތަވަނަސްކަން ފެތުރިފައި ވެއެވެ. އަދި ރަޝިޔާއިން ޔޫކްރެއިންގައި ފެށި ހަނގުރާމަ ޗައިނާއިން ކުށްވެރި ނުކުރުމާއި ގުޅިގެން ބެއިޖިންއިން ޓައިވާނާމެދު ގެންގުޅޭ ނިޔަތާމެދު ވަނީ ހީތައް އިތުރުވެފައެވެ.

މިދިޔަ ހަފުތާގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރު ބިލް ބާންސް ވިދާޅުވީ ޓައިވާނަށް އަރައިގަތުމަށް ޗައިނާއިން ނިންމާނީ "ކިހިނެއް އަދި ކޮން އިރަކުން" ސާފު ނުވާ ކަމަށެވެ.

ހާން ކުއަންގްގެ އަސްކަރީ ތަންރީންތައް ބާއްވާފައި ވަނީ އަންގާރައިން ހުކުރު ދުވަހަށެވެ. މިއީ 1984 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޓައިވާންގެ ސިފައިންގެ ހުރިހާ ބްރާންޗެއް ވެސް ހިމެނޭ އަސްކަރީ ހަރަކާތެކެވެ.