ކުރިއަށް އޮތް އަޟްހާ އީދު ކުލަގަދަކޮށް, ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ތިން ރަށަކަށް ފުރުސަތު ދޭން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް ހުޅުވައިލައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ އީދު ފާހަގަކުރުމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައި, ރަށްތައް ކަނޑައަޅާނީ އެންމެ ރަނގަޅު ތިން ޕްރޮޕޯސަލް ހުށަހަޅާ ރަށްތައް ބެލުމަށް ފަހުގައި ކަމަށެވެ.

މީގެއިތުރުން އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެ ރަށަކުން ކުރާނެ ކަންތައްތަކަށް ކަމަށާއި އެ މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށްވެސް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ އެ މިނިސްޓްރީގެ އީމެއިލް [email protected] މެއިލް ކޮށްގެންނެވެ.

މިއަހަރުގެ ބޮޑު އީދު ދިމާވަނީ ޖޫން 17 އަށެވެ. އެގޮތުން ޖޫން 16 އިން ފެށިގެން ޖޫން 22 އާ ހަމައަށް ސަަރުކާރު ބަންދުވެއެވެ.