އިސްރާއީލުން، އީރާނަށް ޙަމާލާ ދޭނެކަމަށް ބުނުމުން، މެދު އިރުމައްޗާއި، މުޅި ދުނިޔޭގެ ކަންބޮޑުވުމާއި، ހާސްކަން ވަނީ ބޮޑުވެ އިތުރުވެފައެވެ. މަސްރަޙު ހޫނުވަމުން ދާ އިރު ރޫސީންނާއި، ޗައިނާ އިން ވެސް މިކަމުގައި ބަސްބުނަން ފަށައިފިއެވެ.

މި ދިޔަ ހަފްތާ ބަންދުގައި އިރާނުން އިސްރާއީލަށް ދިން ރައްދު ޙަމަލާގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުން ވަނީ އިޢުލާން ކޮށްފައެވެ. އެ ޙަމަލާ ވާނީ އީރާނުގެ ސަރައްޙައްދުގައި ހިންގާނެ ޙަމަލާއަކަށް ވާނޭ ކަމުގައި އެޤައުމުގެ މަސްއޫލުވެރިން ދަނީ ބުނަމުންނެވެ. އަދި އެ ޙަމަލާ ވާނީ ވޭންދެނެވި ޙަމާލައެއް ކަމުގައި ވާނޭ ކަމަށް އިސްރާއީލުން ބުނަމުން ގެންދެއެވެ. އެއާ ގުޅިގެން އީރާނުން ވެސް ބުނަމުން ގެންދަނީ އެފަދަ ޙަމަލާއަކަށް އެޤައުމުން ވެސް ރައްދު ދޭނެކަމަށެވެ. އެ ދޭ ރައްދަކީ، އެއްވެސް ބަޔަކު ޚިޔާލަށް ވެސް ނުގެނެވޭ ފަދަ ރައްދަކަށް ވާނެކަމުގައެވެ. މި ފަދައިން ހާމަކޮށްފައި ވަނީ އެ ޤައުމުގެ ސުޕްރީމް ލީޑަރ އާޔަތުﷲ ޢަލީ ޚާމަނާއީ އާ ޙަވާލާ ދީއެވެ. އާޔަތުﷲ ޚާމަނާއީ އަކީ އީރާނުގެ އެއްމެ އިސް އަދި ދީނީ (ސުޕްރީމް) ލީޑަރެވެ. އެ ޤައުމުގެ ސަލާމަތީ ކަންކަމާއި، ޤަމާ ގުޅޭގޮތުން އެންމެ ފަހު ބަސް ބުނުމުގެ ޙައްޤު އޮންނަ ޝަޚްޞެވެ.

ދެ ފަރާތުގެ ވަހަކަތައް މިފަދައިން ހުރި އިރު މި މައްސަލަ ފިނިކުރެވޭތޯ އެމެރިކާ އާއި، ހުޅަނގުގެ ޤައުމުތަކުން ވާހަކަ ދައްކައި ލަފާ ދީ މަޝްވަރާ ކުރަމުން ގެންދާކަމަށް ވެއެވެ. އަދި އެ ވާހަކަތައް ނޫސްތަކުގައި ރިޕޯޓު ވެސް ކުރަމުން ގެންދެވެއެވެ. އެމެރިކާ އާއި، ހުޅަނގުގެ ޤައުމުތަކުގެ ރާގު މި ގޮތަށް ބަދަލުވުމަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ އެމެރިކާ އަށް ބަލާއިރު، މި އަހަރަކީ އެ ޤައުމުގެ ރިޔާސީ އިންތިޚާބު އޮންނަ އަހަރެވެ. ހަނގުރާމައެއްގެ ތެރޭގައި އޮވެ އިންތިޚާބަށް ކުރިމަތި ލުމަކީ، އެ ވަގުތެއްގައި އޮންނަ ސަރުކާރަކަށް ގެއްލުން ބޮޑުވާ ކަމެކެވެ. އޭގެ ސަބަބުން ނު ރަނގަޅު އަސަރު ފޯރާ ކަމެއް ކަމުގައި ވެސް މުޙައްލިލުން ބުނަމުން ގެންދެއެވެ. ހަމަ އެއާ އެކު ވޯޓު ހޯދުމަށް އިސްރާއީލުގެ ރުއްސުމާއި، ބޭނުންވާ ކަންކަން ކޮށްދިނުމަކީ ވެސް ނުހަނު ބޭނުންތެރި ކަމަކަށް ވެއެވެ. އެއީ އެމެރިކާގެ ވޯޓުގެ ކުޅިގަނޑު ގައި އެ ޤައުމުގެ ޔަހޫދީންގެ ނުފުޒަކީ ވަރަށް ބޮޑު ބުރަދަނެއް ހުންނަ ކަމަކަށް ވާތީއެވެ. ޔަހޫދީ ލޮބީ ތަކުން ފައިސާ ޚަރަދު ކުރުމާއި، ނުފޫޒުގެ ބޭނުން ހިފައެވެ. މި ލޮބީތަކަކީ، މުއްސަނދި އަދި ނުފޫޒު ގަދަ ބައެކެވެ. މިހާތަނަށް އެމެރިކާގެ ކޮންމެ އިންތިޚާބެއްގައި މި ވެރިންގެ ތާއީދު ނެތި އެ ބަޔަކަށް އިންތިޚާބު ކާމިޔާބު ކުރުވުމަކީ ވެފައި އޮތްކަމެއްކަމުގައި ނުވެއެވެ.

މީގެ އިތުރުން އެމެރިކާ އާއި، ހުޅަނގުން ޔުކުރޭން ހަނގުރާމައަށް މިހާރު ވެސް ބޮޑު ހޭދައެއް ކުރަން ޖެހިފައި ވެއެވެ. އޭގެ އިތުރުން، އިތުރު ހަނގުރާމައަކަށް ދިއުމަކީ އެ ޤައުމުތަކަށް ފޫ ނުބެއްދޭ ވަރުގެ ބޮޑުގެއްލުމެއް ކަމުގައި ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. މިހެން ކިނަތައް އޮތް އިރު، އިރާނާއި، އިސްރާއީލުގެ ހަމަ ނުޖެހުމުގައި ޗައިނާ އާއި، ރަޝިޔާ އިން އީރާނަށް މަދަމު ދިނުމަށް މިހާރު ވަނީ ނިންމާ ފައެވެ. އެގޮތުން ރަޝިޔާ އިން، އެންމެ ފުރަތަމަ ވެސް ޒަމާނީ އެއްމެ ފަހުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓު ވިއްކުމަށް ނިންމާފައި ވާކަމަށް އިޢުލާނުކޮށްފައި ވެއެވެ. އަދި އެހެނިހެން ހަތިޔާރާއި، ޒަމާނީ ފަހުގެ މިސައިލްތަކާއި، ޓެކްނަލޮޖީ ވެސް ދޭނެކަމުގައި ބުނެފައި ވެއެވެ.

މިހެންކަމުން އީރާނާއި، އިސްރާއީލާ ދެމެދު ހިނގާފާނެ ހަނގުރާމައަކީ ދުނިޔޭގެ ބޮޑެތި ބަރުތަކުގެ މެދުގައި ނުވަތަ ބައިވެރި ވުމާއެކު ހިނގާނެ ހަނގުރާމައަކަށް ވާނެއެވެ. އެއާއެކު އީރާނުގައި ހުރި ހަތިޔާރުގެ ބާރު ކޮއްމެވެސް މިންވަރަކަށް މިހާރު ދުނިޔެއަށް އެނގިފައި ވީނަމަވެސް ހޯދައިފައިވާ ޙަޤީޤީ ބާރު އަދި ނޭނގެއެވެ. އޭގެއިތުރުން ރަޝިޔާ އާއި، ޗައިނާއިން އެބައި މީހުންގެ މަޞްލަޙަތުގައި އީރާނަށް މަދަދުވެރިވާނެ ކަން ވަނީ ކަށުވަރު ކޮށްދިފައެވެ. އަދި އޭގެ އިތުރުން އީރާނާއި، ރަޝިޔާ އާއި، ޗައިނާ ގުޅިގެން މަދުވެގެން 10 ޤައުމުގެ މައްޗަށް އެކުލެވޭ ގުޅުމެއް ވެސް ޤާއިމުކުރެވިއްޖެ ކަމަށް އެޤައުމުތަކުން ވަނީ ކަށަވުރު ކޮށްދީފައެވެ.