ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން މިފަހަކަށް އައިސް މާ ބޮޑަށް އަޑުގަދަ ކުރައްވަނީ އިމްރާން ޚާނަށް ކުރިތިވާން އޮތް މާލީ މައްސަލާގެ ސުއާލުތަކުން ރެކިވަޑައިގަންނަވަން ކަމަށް މީޑިއާ ތަހުލީލުތަކުން ބުނެއެވެ. މި ދެ ދުވަހު ޕާކިސްތާންގެ މީޑިއާގައި ރިޕޯޓްކޮށްފައި ވަނީ ޔޫކޭ ފައިނޭންޝަލް ޓައިމްސްއިން ހަދާފައިވާ އިންވެސްޓިގޭޝަނަކާ ބެހޭ ގޮތުންނެވެ. މި އިންވެސްޓިގޭޝަނަކީ އިމްރާން ޚާންގެ ޕާޓީ ޕާކިސްތާން ތަހުރީކޭ އިންސާފް ޕާޓީން ބޭރު މީހުން އަތުންނާއި ގައުމުން ބޭރުގައި ދިރި އުޅޭ މީހުންގެ އަތުން ގިނަ އަދަދަކަށް ފައިސާ ހޯދުމަށް ފަހު އެފައިސާ ލިބުނު ކަމަށް އަދި އެފައިސާގެ މަސްދަރު ހާމަ ކޮށްފައި ނުވާ މައްސަލައެކެވެ.
ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ވެރިކަމަށް ވަޑައިގަތް އިމްރާން ޚާންގެ ކެނޑިނޭޅި ޕާކިސްތާން ސުޕްރީމް ކޯޓަށާއި ސިޔާސީ ފަންތިއާއި ސިފައިންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހަމަލަ ދެއްވުމުގެ ސަބަބަކީ މިއީ ކަމަށް މީޑިއާއިން ބުނެއެވެ.
ފައިނޭންޝަލް ޓައިމްސްއިން ހޯދާފައިވާ މައުލޫމާތުން އެނގެނީ ކޭމްންސްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކުން އެކި ފަހަރު މަތިން ދެ މިލިއަން ޑޮލަރު ޕީޓިއައި އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޔޫއޭއީގެ ކެމިބިނެޓް މެމްބަރަކުވެސް ދެ މިލިއަން ޑޮލަރު ދިން ކަމަށާއި އެނޫނަސް އެތަކެއް ޑޮލަރެއް ބޭރުން ވަދެފައިވާ ކަމަށެވެ.
2014 ވަނަ އަހަރުންފެށިގެން ޕާކިސްތާނު އިލެކްޝަން ކޮމިޝަނުން އިންވެސްޓިގޭޓް ކުރަމުންދާ މި މައްސަލާގެ ތަހުގީގު ވަނީ ނިމިފައެވެ. ނަމަވެސް ޙުކުމެއް ނުދޭ ސަބެއް ސާފެއް ނުވެއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ޖެއްސީ ޕީޓީއައި އުފެއްދުމުގައި އުޅުނު އެސް ބާބަރު ކިޔާ މީހެކެވެ. އޭނާ ގިނަ އަދަދެއްގެ ފައިސާ ޕާޓިއަށް ލިބި އެކަން ސިއްރުކޮށް ފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނަށް ބަޔާނެއް ދީފައެވެ. އެއަށްފަހު ތަފްސީލު ތަހުގީގެއް ހިންގާފައި ވެއެވެ.
މި މައްސަލަ ނިމޭ ގޮތުން އިމްރާން ޚާންގެ ނަޒާހަތްތެރި ބުރުސޫރައަށް ހުތުރު އަރާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އެނޫނަސް އެހެން އިން ކޮރަޕްޝަންގެ މައްސަލައެއްގައިވެސް އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީއަށް ތުހުމަތު ކުރެވެއެވެ. މި މައްސަލަތައްވެސް ބެލެމުންދާ ކަމަށް ވެއެވެ.