އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ މިއަދުގެ ފަހުގެ ވަގުތެއްގައި ޓައިޕޭއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭތީ، ޗައިނާގެ އެތައް ހަނގުރާމަމަތީ މަތިންދާ ބޯޓެއް ޓައިވާން ސްޓްރެއިޓް ބައިބައިކުރާ މީޑިއަން ލައިން ކައިރިން އުދުހެމުންދާ ކަމަށް، މަންޒަރު ދުށް މީހަކު ރޮއިޓަރސްއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ވަގުތުގެ ގޮތުން ޓައިވާން އުޅެނީ ރާއްޖެއަށް ވުރެން ހަތަރު ގަޑި ކުރީގައެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާތީ އެކަމާ ދެކޮޅަށް ޗައިނާއިން ތަކުރާރުކޮށް އިންޒާރު ދީފައިވާއިރު، އެމެރިކާއިން ހޯމަ ދުވަހު ބުނެފައިވަނީ، ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން ޗައިނާގެ ހަނގުރާމައިގެ ބެރުތަކުން ބިރު ނުގަންނާނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނު ޓައިވާން ކަނޑުއޮޅި ކައިރިން ދަތުރުކުރި ޗައިނާގެ މަތިންދާ ބޯޓްތަކުގެ އިތުރުން، ޗައިނާގެ އެތައް ހަނގުރާމަމަތީ މަނަވަރުތަކެއް ހޯމަ ދުވަހުން ފެށިގެން މިތަނާ ވަރަށް ގާތުގައި ތިބި ކަމަށް އެ މަސްދަރުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ޗައިނާގެ މަތިންދާ ބޯޓުތަކުން ތަކުރާރުކޮށް ސްޓްރެއިޓްގެ އަނެއް ފަރާތަށް ހުރަސްކޮށް ފައިވާއިރު، ޓައިވާންގެ މަތިންދާ ބޯޓް އޮތީ ކައިރީގައި ތައްޔާރީ ހާލަތުގައި ކަމަށް އެ މީހާ ބުންޏެވެ.

ޓައިވާނުން ބުނީ މިހާރު ދިފާއު ވަރުގަދަކޮށް ފޯރިމަރަން ފަށާފައިވާ ކަމަށެވެ.