ޔަންގްޒީ މެމޮރީ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް (ވައިއެމްޓީސީ) ހިމެނޭ ގޮތަށް ޗައިނާގެ މެމޮރީ ޗިޕް އުފައްދާ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް އެމެރިކާއިން ފަށައިފިއެވެ. އެމެރިކާގެ ޗިޕް އުފެއްދުމަށް ބޭނުންކުރާ އާލާތްތަކުގެ ޝިޕްމަންޓްތައް އެފަދަ ކުންފުނިތަކަށް ލިބޭ މިންވަރު ލިމިޓް ކުރުމަށް އެމެރިކާއިން ދަނީ ވިސްނަމުންނެވެ.

މިކަމާ ބެހޭ މައުލޫމާތު އެނގޭ ހަތަރު ފަރާތަކުން ކަށަވަރު ކޮށްދިން ގޮތުގައި، ޗައިނާގެ ސެމިކޮންޑަކްޓަރ ސެކްޓަރގެ ކުރިއެރުންތައް ހުއްޓުވައި، އެމެރިކާގެ ކުންފުނިތައް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން، ޗައިނާގެ މެމޮރީ ޗިޕް އުފައްދާ ކުންފުނިތަކަށް އެމެރިކާގެ ޗިޕް އުފެއްދުމުގެ ސާމާނުތަކުގެ ޝިޕްމަންޓްތައް ލިބުން ހުއްޓުވުމަށް އެމެރިކާއިން ދަނީ ވިސްނަމުންނެވެ.

ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މިފިޔަވަޅު ކުރިއަށް ގެންދާނަމަ، ދެކުނު ކޮރެއާގެ މެމޮރީ ޗިޕް އުފައްދާ ކުންފުނިތައް ކަމަށްވާ ރެގަރޓްސް ސެމްސަންގް އިލެކްޓްރޯނިކްސް ކޯ ލިމިޓެޑްއާއި އެސްކޭ ހައިނިކްސް އިންކްއަށްވެސް ގެއްލުން ވެދާނެ ކަމަށް، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މަސްދަރުތަކުން ބުނެއެވެ. ސެމްސަންގް ގެ ބޮޑު ދެ ފެކްޓްރީ ޗައިނާގައި ހުރެއެވެ.

އިންޓެލްއިން ދަނީ އެސްކޭ ހައިނިކްސް ގަތުމަށް މަސައްކަތް ކުރަމުންނެވެ.

މި ހަރުކަށި ފިޔަވަޅުގެ ސަބަބުން، އެމެރިކާގެ ޗިޕް އުފެއްދުމަށް ބޭނުންކުރާ އާލާތްތައް ޗައިނާގެ ފެކްޓްރީތަކަށް ފޮނުވުން މަނާ ވެގެންދާނެއެވެ.

މިއީ، އެމެރިކާގެ ގައުމީ ސަލާމަތާ މެދު މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން އެމެރިކާއިން ހުށަހަޅާ ފުރަތަމަ ފިޔަވަޅު ކަމަށް އެކްސްޕޯޓް ކޮންޓްރޯލްގެ ތަޖުރިބާކާރުން ބުނެއެވެ.

އަދި މި ފިޔަވަޅުގެ ސަބަބުން އެމެރިކާގެ ހަމައެކަނި މެމޮރީ ޗިޕް އުފައްދާ ވެސްޓަރން ޑިޖިޓަލް ކުންފުނި ހިމާޔަތް ކުރުމަށްވެސް ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ.