ރަޝިޔާއަކީ ޓެރަރިޒަމަށް ހިތްވަރު ދޭ ގައުމެއްކަމަށް ލިސްޓު ކުރުމަށް އެމެރިކާ ގެންގުޅޭ ވިސްނުމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމަށް ކްރެމްލިންއިން އިންޒާރު ކޮށްފިއެވެ.

އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ހަރުކަށި ސިޔާސަތަށް ތާއީދުކުރައްވާ ފަރާތްތަކުން ބޭނުން ވަނީ އެމެރިކާއިން ރަޝިއާ އަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައަޅާށެވެ.

ރަޝިޔާއިން އިންޒާރު ކުރި ގޮތުގައި އޭގެ ނަތީޖާއަކަށް ވާނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުން މުޅިން ކެނޑިގެން ދިއުމެވެ. ރަޝިއާގެ ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ވަނީ އެފަދައިން އިންޒާރުކޮށްފައެވެ.

މޮސްކޯއާ އެކު ކުރާ އެއްވެސް މުއާމަލާތެއް މުޅިން ހުއްޓާލަން ނިންމައިފި ނަމަ ރަޝިޔާއަށް އެގޮތުގައި އުޅެވިދާނެ ކަމަށް ރަޝިޔާއިން ބުނެއެވެ. އަދި އެކަމަށް އެއްވެސް ޝައްކެއް އޮވެގެން ނުވާނެ ކަމަށްވެސް މީޑިއާ ބްރީފިންއެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޝިޔާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މާރިއާ ޒަކަބާގާ ވިދާޅުވި އެވެ.

އެމެރިކާއިން ޓެރަރިސްޓް ގައުމުތައް ކަމަށް ލިސްޓު ކޮށްފައިވާ އީރާން، އުތުރު ކޮރެއާ، ސީރިއާ އަދި ކިއުބާ ހިމެނޭ ބްލެކްލިސްޓަށް ރަޝިޔާ އިތުރުކުރުމުގެ ވިސްނުމަކީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ ސަޕޯޓަރު ސެނެޓަރު ލިންޑްސީ ގްރަހަމް ފަދަ ބައެއް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ކުރިއަށް ނަގަހައްޓާ ވާހަކައެކެވެ.

މިފަދަ ނިންމުމެއް ފާސް ކުރިއަސް އެމެރިކާ ސަރުކާރަށް އެއަށް އަމަލު ކުރަން މަޖުބޫރެއް ނުވާނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، ގެންދަވަނީ ރަޝިޔާއާ ދެކޮޅަށް ޓެރަރިޒަމް ހިންގާކަމަށް ތުހުމަތުކޮށް ގޮވާލާ ގޮވާލުންތަކާ ދެކޮޅު ހައްދަވަމުންނެވެ.

ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީވެސް ރަޝިޔާއާ ދެކޮޅަށް ހިތްވަރު ދެއްވައެވެ.

ވައިޓް ހައުސްއިން ވަކާލާތު ކުރާ ގޮތުގައި، މިފަދަ ފިޔަވަޅެއްގެ ސަބަބުން އެއްވެސް އަމަލީ އަސަރެއް ނުކުރާނެ ކަމަށާއި، އަދި އެކި ގޮތްގޮތުން އެމެރިކާގެ ޑިޕްލޮމެސީ ފަހަތަށް ޖެހިގެން ހިނގައި ދާނެއެވެ.

ޒަކަބާގާ ވިދާޅުވީ، ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެ ގޮތުގައި އެމެރިކާއިން ލޭބަލް ކުރުމަށް ގޮވާލާ ގޮވާލުންތަކަކީ އެމެރިކާގެ ބަލިކަށިކަމުގެ ހެއްކެއް ކަމަށެވެ.