އިންޑިއާއިން އދއަށް އަލަށް ކަނޑައެޅުއްވި ދާއިމީ މަންދޫބުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިސް ޑިޕްލޮމޭޓް ރުޗިރާ ކަމްބޯޖް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށް މިއަދު އަރުވައިފިއެވެ. އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަގާމު ލިބިވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ އަންހެން ބޭފުޅާއަށް ވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށެވެ. އަދި އަންހެން ކުދިންނަށް ހިތްވަރު ދެއްވަމުން ވިދާޅުވެފައި ވަނީ މިފަދަ ކަންކަމަކީ އަންހެން ކުދިންނަށްވެސް ކުރެވިދާނެ ކަންކަން ކަމަށެވެ.
އެމްބެސެޑަރ ކަމްބޯޖަކީ، 1987 ވަނަ އަހަރުގެ އިންޑިއަން ފޮރިން ސާވިސްގެ ބެޗްގެ އޮފިސަރެކެވެ. އެކަމަނާ ވަނީ ބޫޓާނަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ސަފީރުގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
އެކަމަނާގެ ކުރިން އދގައި ދާއިމީ މަންދޫބުގެ ގޮތުގައި ހުންނެވީ މަގާމުން ރިތަޔަރވެ ވަޑައިގަންނަވާ ޓީ އެސް ތިރުމުރްތީ އެވެ. އަދި އެކަމަނާއަކީ ނިއުޔޯކްގައި ހުންނަ ދުނިޔޭގެ ބޮޑީގެ މައި މަރުކަޒުގައި ޚިދުމަތްކުރައްވާ އެ ޤައުމުގެ ފުރަތަމަ އަންހެން މަންދޫބުވެސްމެއެވެ.
އ.ދ.ގައި ހުންނަވާ އިންޑިޔާގެ ދާއިމީ މަންދޫބުގެ މަގާމާ އެމަނިކުފާނު ޙަވާލުވެ ވަޑައިގަތުމުން ގިނަ ފަރާތްތަކުން ތަހުނިޔާ ދަންނަވާފައި ވެއެވެ.
ކަމްބޯޖް އަކީ 1987 ވަނަ އަހަރު ސިވިލް ސާވިސަސް ބެޗްގެ އޯލް އިންޑިއާ ވިމެންސް ޓޮޕާ އެކެވެ. އަދި އެ އަހަރުގެ ފޮރިން ސާވިސް ބެޗްގެ އެންމެ މަތިން މާސްވެވަޑައިގަތް ބޭފުޅާއެވެ.
އެކަމަނާގެ ޑިޕްލޮމެޓިކް ކެރިއަރ ފެއްޓެވީ 1989-1991 އަށް ފަރަންސޭސިވިލާތުންނެވެ. އެއަށްފަހު ދިއްލީއަށް ވަޑައިގެން 1991-96 އަށް މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ޔޫރަޕް ވެސްޓް ޑިވިޝަންގައި އަންޑަ ސެކްރެޓަރީގެ މަގާމު އަދާކުރެއްވި އެވެ. އަދި 1996-1999 އަށް މޮރިޝަސްގައި ފަސްޓް ސެކްރެޓަރީ (އިކޮނޮމިކް އެންޑް ކޮމާޝަލް) އަދި ޕޯޓް ލުއީގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ ހެޑް އޮފް ޗާންސެރީގެ މަގާމުވެސް ފުރުއްވި އެވެ.
ކަމްބޯޖް އަކީ 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2019 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކިންގްޑަމް އޮފް ލެސޯތޯއަށް އެއްފަހަރާ އެކްރެޑިޓް ކުރެވިގެން ދެކުނު އެފްރިކާއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނެވި ހައި ކޮމިޝަނަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.
އެންމެ ފަހުން ހުންނެވީ ބޫޓާންގައެވެ.