ޝަހީބު މީޑިއާއިން "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" އެއް ފެށުމަށް ނިންމައިފިއެވެ. މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮގަސްޓްް 21 އިން ސެޕްޓެމްބަރ 6 އަށެވެ.

މިކޯހުގައި ކިޔަވައި ދެއްވަނީ މިވަގުތު ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ ތެރޭގައި ހިމެނޭ ބޭފުުންނެވެ. ކޯސް ކުރިއަށް ގެންދާނީ ރޭގަނޑު 8 އިން 10.30 އަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައެވެ.

މި ކޯހަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު މިދިޔަ އާދިއްތަ ދުވަހު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޝަހީބު މީޑިއާއިން ހިލޭ ހިންގައިދޭ ކޯހެކެވެ.

މި ކޯހުގައި ބައިވެރިވުމަށް 30 ޖާގަ ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 20 ޖާގަ ހާއްސަކުރެވިފައި ވަނީ މީޑިއާތަކަށެވެ. އެ 20 ޖާގައަށް ބައިވެރިން ކަނޑައަޅާނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. އަނެއް 10 ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހުއެވެ. އާންމުކޮށް ހުޅުވާލާ 10 ޖާގައަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ވައިބަރ ނަންބަރު: 9934333 އަށް އައި.ޑީ ކާޑާއި ގުޅޭނެ ނަންބަރު ފޮނުވުމަށް ޝަހީބު މީޑިއާއިން އެދެއެވެ.

މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި އޯގަސްޓް މަހުގެ 17 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އެވެ. މި ކޯހުގައި ބައިވެރިވުމަށް މީޑިއާތަކަށް މިހާރު ވަނީ ދައުވަތު ފޮނުވައިފައެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު، އެންމެ ފުންނާބު އުސް، ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބޭފުޅުންނެވެ. އޭގެ ތެރޭގައި މުޅިން ވެސް ތިއްބަވާނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ނޫސްވެރިކަމުގެ ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން:

1. މުހައްމަދު ޝަހީބު، އަދިވެސް އޮންލައިންގެ ސީ.އީ.އޯ/ އެޑިޓަރު

2. މޫސާ ލަތީފު، ދައުރު އޮންލައިންގެ އެޑިޓަރު

3. އިސްމާއިލް ނަސީރު، މިހާރު އޮންލައިންގެ އެޑިޓަރު

4. ހުސެއިން ފިޔާޒު މޫސާ، އަދަދު އޮންލައިންގެ އެޑިޓަރު

5. އާދަމް ހަލީމު، "މި"ގެ ސީ.އީ.އޯ/ އެޑިޓަރު

6. ސިނާން އަލީ، ވަން އޮންލައިންގެ ސީ.އީ.އޯ/ އެޑިޓަރު

7. އަހުމަދު ޒާހިރު (ހިރިގާ)، ދައުރު އޮންލައިންގެ މެނޭޖިން އެޑިޓަރު

8. އިމާދު ލަތީފު، ނިއުސް އެނަލިސްޓް

9. މުހައްމަދު އާސިފު، މޮންދުު ޕްރޮޑަކްޝަންސްގެ ސީ.އީ.އޯ

10. މުހައްމަދު އާމިރު (ފަރެސް)، ދިވެހިބަހުގެ ތަޖުރިބާކާރެއް.

ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ރާއްޖޭގެ ނޫސްވެރިކަމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ މުހައްމަދު ޝަހީބު ހިންގަވާ "މީޑިއާ ހައުސް" އެެކެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ނޫސްވެރިން ތަމްރީނުކުރައްވައިފައި ވަނީ ޝަހީބެވެ. ޝަހީބު މީޑިއާއިން އިންތިޒާމްކުރި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފައެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައެވެ.