އެސްޓީއޯއާއި ޖީ.އީ ހެލްތް ކެއަރއާއި ގުޅިގެން ފަށާ "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ" ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވެފައިވަނީ މުއްދަތު މިހާރު އިތުރުކޮށްފައިވަނީ އޮގަސްޓް 31 އަށް ކަމަށެވެ.

މި ކޯހަކީ ދެ އަހަރު ދުވަހުގެ ކޯހެކެވެ. އަދި 6 މަސް ދުވަހުވަހުގެ އަމަލީ ތަޖުރިބާ ހޯދައިދެވޭނެއެވެ. މި ކޯސް ހަދާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން އިންޓާންޝިޕް ފުރުޞަތު ފަހިކޮށްދިނުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ. އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލެވެ.

އެސްޓީއޯގެ މި ޚާއްސަ ސްކޮލަރޝިޕްގައި ބައިވެރިވެ ތަމްރީނުވުމަށް ހުޅުވާފައިވާ ރަނުގެ ފުރުސަތު ނަގައި ނުލުމަށް ވެސް އެސްޓީއޯއިން އެދެއެވެ.

ރޭޑިއޯގްރަފީއަކީ ރޭޑިއޭޝަން މެދުވެރިކޮށް އެތެރެހަށީގެ ހުނަވަންތަކުގެ ފޮޓޯ ނެގުމުގެ ހުނަރެެވެ. ރޭޑިއޯގްރާފަރުންނަކީ އެކްސްރޭއާއި އަލްޓްރާސައުންޑު ސްކޭނާއި އެމްއާރުއައިއާއި މެމޯގްރާފް ނެގުމުގެ ސިއްހާ ޚިދުމަތްފޯރުކޮށްދޭ މީހުންނެވެ.