ދުނިޔެ އަށް ޖެހޭ އޮއެއް ވައެއް ނޭނގޭ ކުދިން ގިނަވެއްޖެއެވެ. އާއިލާ އާއި ރައްޓެހީންގެ އިތުރަށް ގުދުރަތީ ރީތި މަންޒިލްތައް ދެކެން ބޫނުން ނުވާ ކުދިންވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ފަހަކަށް އައިސް ބަންދު ކޮޓަރީގައި، އެންމެނާއި އެކަހެރިވެ ދުވަސްތައް ހޭދަކުރަމުންދާ ކުޑަކުދިންނާއި، ފުރާވަރު ޢުމުރުގެ ކުދިން އަދި ޒުވާން އުމުރުގެ ކުދިންވެސް މިރާއްޖޭގައި ވަރަށް ގިނަވެއްޖެ އެވެ.

ކޮޓަރީން ބޭރަށް ނުކުމެ އާއިލާއާއި އެކު ވަގުތު ހޭދަކޮށްނުލާ ކުދިން ނަކީ ހަމަ އެކަނި މި ކޮންކޮކްރީޓް ސިޓީ މާލޭގައި ދިރިއުޅޭ ކުދީންނެއް ނޫނެވެ. ރާއްޖޭގެ ރަށް ރަށުގައި ދިރިއުޅޭ ކުދީންގެ ޙާލަތުވެސް ހުރީ ހަމަ މި ބީދައިންނެވެ. ކެއުމާއި ބުިމާއި ސްކޫލަށް ދިއުން ފިޔަވައި ބޭރަށް ނުކުމެ އޫޅެ ކުދިން މަދުވެއްޖެއެވެ. ބައެއް ފަހަރަށް ކެއިން ބުއިމުގެ ކަންތައްވެސް ކޮޓަރީގައި ތިބެ ނިންމާލާ ކުދީންވެސް އެބަ ފެނެއެވެ.

މިއީ ކޮވިޑްގެ ބަލިމަޑުކަން ފެތުރި، އެންމެން ތަންތަނުގައި ބަންދުވުމުން ދިމާވި ކަމެއް ހެއްޔެވެ؟ ނޫނީ ކުދިންނަށް ސްކީރީން ދިނުމުން އެއަށް ދެވި ހިފުމުން ވީ ގޮތެއް ހެއްޔެވެ؟ އެހެންވެސް ބުނެވޭކަންނެތެވެ. ކޮވިޑްގެ މާކުރިންވެސް މި ޖީލު ކޮޓަރީގައި ބަންދު ވެއްޖެއެވެ. އެހެންމީހުނާ އެކަހެރިވެ އުޅެން ފަށައިފިއެވެ. ސްކްރީނެއް ނެތަސް ގިނަވަގުތު އެނދުގައި ތިބޭ ކުދިން އިތުރުވީ ކޮވިޑް އައުމަކުން ނޫނެވެ. އާއިލާގެ މެންބަރުން ގެއަށް އައުމުން އެމީހުނާ ބައްދަލު ނުކޮށް، އާއިލާގެ މީހުން ދިރިއުޅޭ ގޭގެއަށް ދާން ކުދީން ދެކޮޅު ހަދަންފެށީ ސްކްރީން އަތަށް ލިބުމުގެ މާކުރީން ނެވެ. މިގޮތަށް މުޖުތަމަޢާއި އެކަހެރިވެ، މިހާލުގައި މިއަދު ތިބީ ރާއްޖޭގެ އެންމެ ކުއްޖެއް ދެކުއްޖެއްނޫނެވެ.

ފަހަކަށް އައިސް މަންމަ އާއި ބައްޕަ ނުވަތަ އާއިލގެ މެންބަރަކާއި އެކުވެސް ބޭރަށް ނުކުމެލަން ބޭނުން ނުވާކުދިން ވަރަށް ގިނައެވެ. އަޅުގަނޑުމެންނަށް ޤުދުރަތުން ދެއްވާފައިވާ މި ރީތި ޤުދުރަތީ މާހައުލު ދެކެލުމަށް ބޭނުންނުވާ ކުދީން ގިނަވުމީ ހައިރާން ވާވަރު ކަމެކެވެ. ދުނިޔޭއެގެ އެތަން މިތަނުން ބޮޑު ޚަރަދުކޮށް މި ގައުމުގެ ރީތިކަން ދެކެލުމަށް މީހުން ޒިޔާރަތްކުރަނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ދަރީން މި ގޮނޑުދޮށްތަކުގައި ބީހިލައި ރާޅުގެ މިއުޒިކީ އަޑު އަހާލަން ބޭނުން ނުވަނީ ކީއްވެ ހެއްޔެވެ؟ މި ހުދު ދޮންވެލިގަނޑާއި މާކަނޑުން ތިލަވަމުންއަންނަ އެކި ކުލަތައް ބަލާލަން ބޭނުން ނުވަނީ ކީއްވެ ހެއްޔެވެ؟ ގުދު ރަތީ ރީތި ކުޅިތަކާއި ވަށައިގެންވާ ދިރުންތަކަކީ އެކުދީންނަށް އަބަދު ފެންނަ މަންޒަރުތައް ކަމަށް ވާތީ ހެއްޔެވެ؟ އަދި މި ޖަޒީރާ ރަށްތަކަށް އިރު އޮއްސެމުން ދާއިރު އެކި ދުވަހު، އެކި ކުލަތަކުން އުދަރެސް ޒީނަތްތެރިކުރާ މަންޒަރުތައް ބަލާ ފޫހިވީހެއްޔެވެ؟

މިފަދަ ޤުދުރަތީ ރީތިކަމުން އުފާ ހާޞިލުކުރުމަށް އާއިލާއެކު ބައިވެރި ވުމަކީ އިތުރަށް ހިތްހަމަ ޖެހުން ލިބޭނެ ކަމަކެވެ. އެހެންނަމަވެސް އައިލާ އާއި ރައްޓެހީން ގެއަށް އައުމުންވެސް ކޮޓަރީން ނުނުކުމެ ކުދީން ތިބުމަކީ އައިލީ ގުޅުން ހީނަރުވާކަމެކެވެ. ކާފަ މާމެން ކިތަންމެ ދެކެން ބޭނުނުންވިޔަސް އަދުގެ ޖީލަށް އެމީހުނާ ބައްދަލު ކުރުމަކީ ފޫހި ކަމަކަށް ވެއްޖެއެވެ. އެމީހުނާ ވާހަކަ ދެއްކުމަކީ އުނދަގޫ ކަމަކަށް ވެއްޖެއެވެ. މި އީ ކުދިންނަށް ދެވުނު ބޮޑު މިނިވަންކަމެއްގެ ސަބަބުން ދިމާވި ކަމަކަށް ވެދާނެ ހެއްޔެވެ؟ ކުދީން ގޭތެރޭގެ ހުރިހާ ކަމަކުން މަހުރޫމުކޮށް ހަމައެކަނި ކިޔެވުމަށް ބޭތިއްބުމުން ވީ ގޮތަކަށް ވެދާނެހެއްޔެވެ؟ އެކުދީންނަށް ކިޔެވުނޫން އެހެން އެއްވެސް ޒިންމާ އެއް ނެތުމުން ވީކަމަކަށް ވުން އެކަށީގެން ވޭހެއްޔެވެ؟ މިކަން އެނގޭނީ ހަމަ ކުދިންގެ މިޒާޖާއި އުޅުމާ ބަލައި ހޯދުން ތަކެއް ހޯދައިގެނެވެ.

ދަރީން މިގޮތަށް މީހުނާ އެކަހެރިވެ ބޮޑެތި ވަމުންދާނަމަ، މައިންބަފައިން ނެތްދުވަހުން އެ ކުދީންނަށް އާއިލާނޭގުން އެކަށީގެން ވެއެވެ. އޭގެ ސަބަބުން ހިތާމަވެރި ހާދިސާތަކެއް ހިނގުން ގާތެވެ. މިހާރުވެސް މިފަދަ ހާދިސާތައް މި ކުޑަކުޑަ މާލޭގައިވެސް ހިނގަމުން އެބަ ދެއެވެ. ކައިވެނި ހަލާލު ނުވާ މީހުނާ ރައްޓެހި ވެއެވެ. ދެބެންގެ ދެދަރި ކުދީން ރައްޓެހިވެ އިންނަ ހިސާބަށް ދެއެވެ. ކައިވެންޏާ ހަމައަށް ދިއުމުން މިއީ އެއް އާއިލާއެއްގެ ދެކުދީން ކަން އެނގޭ ހާލަތު ދިމާވެއެވެ. މިއީ ދީނީގޮތުން ކައިވެނި ކުރެވޭނެ ހާލަތެއް ނަމަވެސް ސިއްޙީ މާހިރުން ލަފާދެއްވަނީ ގާތް ތިމާގެ މީހުނާ ކައިވެނި ކުރުން ރަނގަޅު ނޫންކަމަށެވެ.

ކުދީން ކޮޓަރީގައި އެކަހެރި ދިރިއުޅުމަކަށް މަގުފަހި ކޮށްދެވުނީ ކޮންމެ ސަބަކާ ހުރެ ނަމަވެސް މިއީ މުޖުތަމަޢަށް ކުއްޖާ ހޭނުމަށް އެޅޭ ހުރަހަކަށް ވާނެއެވެ. ނަފުސާނީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމަކަށް ވެދާނެއެވެ. ކުއްޖާގެ ވިސްނުން ހުޅުވާލުމަށް ދެވޭ ފުރުޞަތު ކުޑަވުން އެކަށީގެން ވެއެވެ. އާއިލީ ގުޅުން ހީނަރު ވާނެ ކަމެއްކަން ޔަޤީނެވެ. އެހެންކަމުން ދަރީން ވީވަރަކުން މާހައުލަށް ނެރުން މުހިންމެވެ. ކުޑަ އިރުއްސުރެ މައިން ބަފައިން ކުދީންނާއެކު ބޭރަށް ނުކުމެ އާއިލާ އާއި ބައްދަލުކޮށް އެކުދީންނާއެކު ވަގުތު ހޭދަކުރުން މުހިންމެވެ.