ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދައުވާތައް ކުރިމިނަލް ކޯޓުން ބާޠިލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި 7 ދައުވާގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ހައިކޯޓުގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބެއްލެވި ފަޑިޔާރުންގެ އިއްތިފާގުން ވަނީ މިމައްސަލަޔަކީ ކްރިމިނަލް ކޯޓުން ބެލި ބެލުމުގައި އިބްތިދާއީ އަޑުއެހުމުން ފެށިގެން އަލުން ބަލަންޖެހޭ ހަތް ދައުވާކަމަށް ކަނޑައަޅާފައެވެ. އަދި އިސްތިއުނާފީ މިމައްސަލަތައް ނިމެންދެން 15 ދުވަހުގެ މުއްދަތަށް ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ރިމާޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށް، ކޯޓުތަކުގެ ޤާނޫނުގެ ދަށުން 7 ދައުވާ އަލުން ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް ހުމްކޮށްފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ވިދާޅުވުމަށް

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި 7 ދައުވާއެއް ކުރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދަޢުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގައި ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފު އަޑުއެހުންތައް މިމަހުގެ 15ގައި ވަނީ ނިންމާލާފައެވެ. އެދުވަހުގެ އަޑުއެހުމުގައި އަދީބުވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ދައުލަތަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްއާ ފުލުހުންގެ ފަރާތުން އެއްވެސް މަޖުބޫރުކުރުމެއް ކުރިމަތިނުވާކަމަށް އެއްބަސް ވެފައެވެ. އަދި އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އަލުން އެކޯޓުން ބަލަންޖެހޭ ކަމަށް ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

ދައުލަތުން އަޙްމަދު އަދީބާ ދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ވަނީ 23 ޖުލައިގައި އަމުރުކޮށްފައެވެ.