ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން ގޭސްފުޅި ގޮވައިގެން އަނިޔާ ލިބުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެވެ.

މިހާދިސާގައި ނިޔާވެފައިވަނީ، ގދ. ރަތަފަންދޫ، ހިޔަލީގޭ އާމިނަތު އަބްދުލް ހަމީދެވެ. އޭނާގެ އުމުރަކީ 55 އަހަރެވެ. މިހާދިސާ ހިނގާފައިވަނީ ފާއިތުވި ބުރާސްފަތި ދުވަހުއެވެ.

މިއަދު ގެ މެންދުރުނަމާދަށްފަހު އެމީހާ ވަނީ ވަޅުލައިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވަޅުލައިފައިވަނީ އާ ސަހަރާގައެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި ކަމާބެހޭ އެހެން ފަރާތްތަކުން ގެންދަނީ ކުރަމުންނެވެ.