ޖަލުތަކުގެ ކަންކަން އިސްލާހުކޮށް ރަނގަޅު ކުރުމަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އެންމެ ބޮޑަށް އުފާ ކުރައްވާ ކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ސަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުންކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ޤައިދީންނަށް ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި އެޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ގެންދިޔަ ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑު އެންމެ އުފާކުރާކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުން،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރު އައީ ޕްރިޒަން ރިފޯމް ކުރުމުގެ އެޖެންޑާއެއް ހިފައިގެން ކަމަށެވެ. އެ ޖެންޑާގެ ދަށުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި އެއްވެސް ޤައިދީއަކު ދެން ޖަލުގެ ތެރެއިން ފެންނާކަށް އެދިވަޑައި ނުގަންނަވާ ކަމަށެވެ. ޖަލަކީ ކޮންމެ މީހަކާ ގުޅޭގޮތުން ރިހިބިލިޓޭޝަން ޕްރޮގްރާމްހެދި، ރިހިބިލިޓޭޓް ކުރެވިގެން ނިކުންނާނެ ތަނަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.