ލިޔުނީ: ނިރު، ޝާހީން މުހައްމަދު

(އަށްވަނަ ބައި)

ޒުހުރާ ދުއްވައިގަތެވެ. އޭރު ހުރީ ފާޑެއްގެ ބިރެއް ހިތަށް ވެރިވެފައެވެ.

ޒުހުރާ ވަންނަންދެން މަޑުކޮށްގެން ހުރި ހާޒިމް އެތެރެއަށް ވަދެއްޖެއެވެ. އޭރު ހާޒިމް ހުރީ ވަރުބަލިވެފައެވެ. އެހާއިރު ވަންދެން ޒާއިރާ އަތްދަނޑިމައްޗަށް ލައިގެން ހުރީމައެވެ. އެންމެން ވަދެ ނިމުމުން ލަގޭޖާ ލަގޭޖް ވެސް ދޫކޮށްލާފައި އެމީހުން އެންމެން އެގޭ ސިޓިންގރޫމުގައި މަޑުކޮށްގެން ތިއްބެވެ. ހާޒިމް އާއި ޒުހުރާ، ޒާއިރާ ހޭއަރާތޯ މަސައްކަތްކުރަމުން ދިޔައެވެ.

އެންމެ ފަހުން ޒުހުރާގެ ފިރިމީހާ ޚިޔާލު ދިނީ ޒާއިރާ ހޮސްޕިޓަލަށް ގެންދިއުމަށެވެ. އެހެންނަމަވެސް ހާޒިމް އެދުނީ ފަތިސްވަންދެން މަޑުކުރުމަށެވެ. ހާޒިމް އެހެން ބުނުމުން ޒުހުރާގެ ފިރިމީހާ ބަލައިލީ ގޭގެ ސިޓިންގރޫމުފާރުގައި ހުރި ގަޑިއަށެވެ!

"ސުބުހާނަﷲ، އަދި ތިނެއް ވެސް ނުޖަހާ!" ކަންބޮޑުވެފައިވާ އަޑަކުން ޒުހުރާގެ ފިރިމީހާއަށް ބުނެވުނެވެ. އޭނަގެ އަޑުން ފަތިސްވަންދެން އެހާލުގައި އޮތްމީހަކު ހޮސްޕިޓަލަށް ނުގެންގޮސް ގޭގައި ބާއްވަން އޭނައަށް އެއްބަސް ވުން އުދަނގޫކަން އެނގެއެވެ. އެކަމަކު އިތުރު އެއްޗެކޭ ނުބުންޏެވެ.

"އަނެއްހެން ހޮސްޕިޓަލަށް ގެންދިއަޔަސް އެމީހުންވެސް ވަކި ކުރާނެ ކަމެއް އޮތްހެނެއް ހިއެއް ނުވޭ! އަހަރެންގެ ހިތް ބުނަނީ ޒާއި އިރުކޮޅަކުން ހޭއަރާފަނެއޭ!" ހާޒިމްގެ އަޑުގައި ޔަގީންކަން ހުއްޓަސް ދިމާ ވެގެންމިއުޅެނީ އާދައިގެ ކަމެއްކަމަކަށް އޭނަގެ ހިތެއް ނުބުނެއެވެ. އެހެންކަމުން ހާޒިމް މާބޮޑަށް މާޔޫސްވީއެވެ.

ގޭތެރެއިން އެއްފަހަރާ އެތައް ބަޔަކު ވާހަކަ ދައްކާ އަޑުއިވޭތީ ނިދިފައި އޮތް މަލާކުއަށް ހޭލެވިއްޖެއެވެ. ފުރަތަމަ ހީކުރެވުނީ އެއީ ހުވަފެނެއްކަމަށެވެ. އެހެންކަމުން އަޑުއަހާ ޔަގީންކުރަން އިރުކޮޅަކު އޮތުމަށްފަހު ތެދުވެގެން ހިނގައިގަތީ ސިޓިންރޫމާ ދިމާއަށެވެ. ޒާއިރާ ނިދާ އެނދާ ދިމާއަށް ބަލައިލެވުނު ވަގުތު ޒާއިރާ ވެސް އެނދުގައި ނެތުމުންނެވެ.

މަލާކުމެން އުޅޭ ކޮޓަރީގެ ދޮރުހުޅުވޭ އަޑަށް އެންމެނަށް ވެސް ބަލައިލެވުނީ އެ ދިމާއަށެވެ. ދެލޯ އުނގުޅަމުން ކޮޓަރިން ބޭރަށް ބޯ ނެރުނު މަލާކުއަށް ފުރަތަމަ ފެނުނީ އޭނަގެ ދޮންބެ އެވެ. މަލާކު އުފަލުން ވަރެއްނެތެވެ. ދުވެގޮސް ދޮންބޭ އޭ ކިޔާ މާޒިން ގައިގާ އޮޅުލާގަތީއެވެ. އޭނާގެ ރަޙުމަތްތެރިޔާގެ ހާލަތު އެނގޭނަމަ މަލާކު އެހާ އުފާވެފައެއް ނުހުންނާނެކަން އެތާ ތިބި ކޮންމެ މީހަކަށްވެސް އެނގެއެވެ.

"އަޅޭ، އަހަރުމެނަށް ސަރްޕްރައިޒެއް ދިނީތަ!" މަލާކުގެ ވާހަކައަށް އެތަނުން އެކަކު ވެސް ޖަވާބެއް ނުދިނެވެ. އެކަން މަލާކުއަށް ފާހަގަ ކުރެވުނީ އިރުކޮޅެއް ފަހުންނެވެ.

"އެންމެން ... ކިހިނެއްވެފަ...!" މަލާކުއަށް ވެގެންއުޅޭ އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހުއްޓަމުން އެންމެންނަށް މަލާކު ބެލިއެވެ. އޭނަގެ ދެލޮލުން އޭނަ ހައިރާންވެފައި ހުރިވަރު އަންގައިދެއެވެ. ނަސީބުކަންދިމާކުރިގޮތުން ޒާއިރާ ބާއްވާފައި އޮތް ސޯފާއަށް އޭނަގެ ސަމާލުކަން ދެވުނީ އެންމެ ފަހަށެވެ.

"ޒާއި... ޒާއި" ދެވަނަ ސިކުންތުގައި މަލާކު ހުރީ ޒާއިރާ ކައިރީގައެވެ. މާޒިން ދުވެ ގޮސް ހިފެހެއްޓީ ރޮމުން ގެންދިޔަ މަލާކުގެ ކޮނޑުގައެވެ. އަދި ހަމަޖެހޭށޭ އަތުގެ އިޝާރާތުން ބުނަމުން ދިޔައެވެ. މާޒިން އަކަށް ވެސް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން އެވަގުތު ނެތީކަންނޭނގެއެވެ. ނުވަތަ ބުނާނެ ވަކި އެއްޗެއް އެ ދުލަށް ނައީކަމަށް ވެސް ވެދާނެއެވެ.

"ކޮންމެވެސް މީހަކު ވާހަކަ ދައްކަބަލަ.. ކިހިނެއްވެފަތަ އެންމެން މިތިބީ... ޒާއިއަށް ކިހިނެއްހޭ ވީ... ކީއްވެތަ ޒާއި އަހަންނާ ވާހަކަ ނުދައްކަނީ!" މަލާކުއަށް ހީކުރެވުނީ މާ ގޯސް ކޮށްނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން މަލާކު ވާހަކަ ދެއްކިއިރު އެންމެން ވެސް ތިބީ ބަސްހުއްޓިފައެވެ. އެހެންނޫނަސް ޒާއިރާއަށް ވީ ގޮތް އެނގޭ އެކަކު ވެސް އެތާ ނުވެސް ނެތީއެވެ.

"ޒާއިއަށް އެ އޮތީ ނިދިފަ! އިރުކޮޅަކުން ލޯހުޅުވާލަފާނެ! މަލް ހަމަޖެހޭ!" ހާޒިމް ގޮސް މަލާކުގެ ދާދި ގާތުގައި ހުއްޓެމުން އެންމެ ފަހުން ޖަވާބު ދިނެވެ.

މަލާކު ގުދުވެ ގުދުވެފައި ޒާއިރާއަށް އެއްވެސް ކަމެއް ވެފައި ހުރިތޯ ބަލާ ޗެކްކުރަމުން ދިޔައެވެ. ނޭވާލާތޯ ވެސް އެތައް ފަހަރަކު ޔަގީން ކުރިއެވެ. ތެދެކެވެ. ހީވަނީ ހަމަ ރީތިކޮށް ނިދިފައި އޮތްހެންނެވެ. ޒާއިރާގެ ނޭފަތްމަތިން ތެޔޮހަން ގޮސްފައި ހުރިކަން ވެސް ފުރަތަމަ ފާހަގަ ކުރެވުނީ މަލާކުއަށެވެ.

"މި ކިހިނެއްވީ!.... ޒާއި ތަނަކުން ވެއްޓުނީތަ!" މަލާކު ބަލައިލީ ޒުހުރާގެ މޫނަށެވެ. ޒުހުރާ އިސްދަށަށް ޖަހައިލިއެވެ.

"އެކަމަކު ޒާއި އޮތީ ނިދާކަންނު! ދެން ކީއްވެ މިހާރު ބޭރު ސޯފާގަ އޮންނަންވީ!" ވެގެން އުޅޭގޮތެއް ސާފުވޭތޯ ހަނދާނަށް ބާރުލަމުން މަލާކު ހުއްޓާނުލާ ވާހަކަ ދެއްކިއެވެ.

"ﷲ އަކުބަރު.. ﷲ އަކުބަރު!" ފަތިސްނަމާދު ބަންގީގެ އަޑު އިވުމުން ހާޒިމް އެނބުރުނީ ކާރުގެ ޑްރައިވަރާ ދިމާއަށެވެ. އޭރުވެސް ޑްރައިވަރު ފޯނު ހުޅުވައިގެން ޤުރުއާން ކިޔަވަން އިނެވެ.

"ދެން ކަލެއަށް ގެއަށް ދެވިދާނެ! ޑިކީގައި ހުރި އެއްޗެހި ގޭތެރެއަށް ވައްދާފަ ދޭ!" ހާޒިމްގެ އަޑު އިވުމުން ހައިރާންވެފައި ހުރެމެ ޑްރައިވަރު މަޑުމަޑުން ހިނގައިގަތީ ސިޓިންގރޫމުން ނުކުންނާށެވެ. ހާޒިމް ބަލައިލީ ކައިރިގައި ހުރި މާޒިން އަށެވެ. އެބެލުން މޭރުން ވުމުން މާޒިން ވެސް ހިނގައިގަތީ ބޭރަށެވެ. ފަހަތުން ހާޒިމް ވެސް ހިނގައިގަތެވެ. ހާޒިމް އަންނަކަން އެނގުމުން އޭގެ ކުރީގައި ތިބި ދެމީހުންނަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. މިހާރު ޑްރައިވަރަށް ވެސް ހާޒިމްއަށް އިތުބާރު ކުރެވެން ފަށައިފިއެވެ.

ކާރުގެ ޑިކީގައި ހުރި މާޒިން އާއި ހާޒިމްގެ ފޮށިތައް ނަގަން އެމީހުން ތިއްބާ އިވުނީ މަލާކުގެ އަޑެވެ.

"ދޮންބޭ!... ދޮންބޭ! ޒައި އެބަ ހަރަކާތް ކުރޭ! އެބަ ހަރަކާތް ކުރޭ! ޒައި ...ޒައި!" މަލާކު ހީވަނީ މޮޔަވެފައި ހުރި މީހެއްހެންނެވެ.

މަލާކުގެ އަޑަށް ހާޒިމްއާ މާޒިން އެތެރެއަށް އައީ ދުވެފައެވެ. ޑްރައިވަރު ކާރު ސްޓާޓްކޮށް ނައްޓައިލީއެވެ. އޭރު ފަތިސްނަމާދަށް މިސްކިތަށް ދިއުމަށް އެމަގު ކޮޅުން ދެ މީހަކު އަންނަތަން ފެނެއެވެ. ޑްރައިވަރުގެ ހިތަށް އެކަމުން ހަމަޖެހުން ލިބުނެވެ.

ދުވެ އެތެރެއަށް ވަން ހާޒިމްއާ މާޒިންއަށް ފެނުނީ ރޮމުން ގިސްލަމުން ދެއަތް ކުރިއަށް ދަމާލައިގެން އޮތް ޒާއިރާއެވެ. އެ ދެލޮލުގައި ވަނީ ކަރުނައެވެ. އެ ކަރުނަތައް ހިފެހެއްޓުމެއް ނެތި އޭނަގެ ކޯތާފަތުން ތިރިއަށް ފައިބަމުން ދިޔައެވެ. އެއްވެސް މީހަކަށް ނޭނގެނީ އެ ކަރުނަތައް އޭނަގެ ހާލަތާ މެދު ހިތާމަކުރާ މިންވަރެކެވެ. އެކަރުނަތައް އޭގެ ޖަގަހަ ދޫކޮށް ދާން މަޖުބޫރުވީ އެނިކަމެތި އަންހެން ކުއްޖާގެ ހިތަށް ކުރަމުން ދިޔަ ފުން އަސަރު ތަހައްމަލް ކުރަން ނުކުޅެދިގެންކަމެވެ.

"ޒާއި! ޕްލީޒް ނުރޮއެ ބުނެބަލަ ވީ ގޮތެއް... ކީއްވެ ޒާއި މިތާ ތި އޮތީ! ކާކު ޒާއި ބޭރަށް ނެރުނީ!... ވާހަކަ ދައްކަބަލަ!.. ބަލާލަބަލަ މިއީ ޒާއިގެ މަލް އޭ!" މަލާކު ހިފެހެއްޓީ ޒާއިރާގެ ދެއަތުގެ އިނގިލައް އެއްކޮށްލައިގެން އެ އިނގިލިތަކުގައެވެ. އަދި އެއް އަތުން ޒާއިރާގެ ކަރުނަތައް ފޮހެލަދިނެވެ. އެހެންވިޔަސް ޒާއިރާ އެއަކަށް އެއްވެސް ސަމާލުކަން ދިންހެނެއް ހިއެއް ނުވެއެވެ.

"ކޮންމެވެސް މިހެއްގެ ނަމުން އެބަ ގޮވާ!.. ދޮންބޭ ބަލާލަބަލަ، ޒާއި ކޮންމެވެސް މިހަކަށް އެބަ ގޮވާ! އަނެއްކާ ... އަނެއްކާ!" މަލާކު ބުނަން އުޅުނީ ޒާއިރާގެ ސިކުނޑި ހަމަޖޭކަމާ މެދު ޝައްކު އުފެދުމުން އެ ވާހަކައެވެ. އަދި ހަމަ ދެވަނަ ސިކުންތުގައި އިރާކޮޅު ޒާއިރާ ބުނި އެއްޗެއް ހަނދާނަށް އައެވެ.

"ޒާއިރާގެ ބޯއި ފްރެންޑް. އޯހ ނޯ!" މަލާކުއަށް ބާރަކަށް ބޮލުގައި ހިފަހައްޓައިލެވުނެވެ.

"އޭނާ ... އަނެއްކާ ކީއްކުރީހެއްޔެވެ! ދެމީހުން ރުޅިވީހެއްޔެވެ! ނޫނީ އޭނާ ގަދަކަމުން ޒާއި.. ނޫން ނޫން!" މަލާކުގެ ހިތަށް ބުނަން ނޭނގޭ އުދަނގޫތަކެއްވެ ހިތް ބިރުގަނެއްޖެއެވެ.

އެތެރެއަށް ވަން މާޒިން އާއި ހާޒިމް ޒާއިރާއަށް ބަލާލުމަށްފަހު ދެމީހުން ތަންކޮޅެއް މަޑުން އެކަކު އަނެކަކަށް އިވޭވަރަށް އެއްޗެކޭ ބުނެލިއެވެ. އަދި މާޒިން ކުރިއަށް ޖެހިލާ ޒުހުރާ ކައިރިން ހޮސްޕިޓަލުގެ ނަމްބަރު އެނގޭތޯ އެހިއެވެ.

ސައިރެންގެ އަޑުން މުޅިހިސާބަށް ނުތަނަވަސްކަން ގެންނަމުން އައި އެމްބިއުލަންސް މަޑުކުރީ ޒުހުރާމެންގެ ގޭގެ ކުރިމަތީގައެވެ. އެއިން ބޭލި ބަލިމީހާ އުފުލާ އަށިގަނޑަށް ޒާއިރާ ލުމުގައި އެހީވީ މަލާކުއާ ހާޒިމް އާ އަދި މާޒިން އެވެ. ޒުހުރާ ވެސް ކަންބޮޑުވެފައި ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ.

އެމްބިއުލެންސަށް އަރާ ޒާއިރާ ކައިރީ އިށީންނަމުން މަލާކު ބުނީ އޭނާ އެކަނި ގޮސްދާނެކަމަށާ ދޮންބެމެން އަރާމުކުރުމަށެވެ. އެ ގޮތް މާޒިންއަށް ވެސް ރަނގަޅުވިއެވެ. އެއީ ކުރީ ރޭ އެއްގޮތަކަށްވެސް ނުނިދާ ތިބުމުން ވަރުބަލިކަން އިހުސާސްވާލެއް ބޮޑުކަމުންނެވެ. އެހެންނަމަވެސް އެގޮތާ ހިތްހަމަ ނުޖެހުނީ ހާޒިމްއެވެ.

މަލާކުގެ ފަހަތުން އަރާ ސީޓްގައި އިށީންނަމުން ހާޒިމް އެދުނީ މާޒިން ގޮސް އަރާމު ކޮށްލުމަށެވެ. ޒާއިރާއަށް އެހީތެރިކަން އެންމެ ބޭނުންވި މިވަގުތު ނިދަން އޮންނަން ހިތްހަމަ ނުޖެހޭކަމަށް ބުނަމުންނެވެ. އެހެންނޫނަސް މަލާކު އޮފީހުގެ ކަންތަކާ އުޅެން ޖެހޭނެ ކަމަށާ ވާގޮތަކުން އެކޮޅުގައި މަޑުކުރަންވެސް ޖެހިދާނެ ނޫންހޭ ހާޒިމް ބުނީ ކަންބޮޑުވެފައި ހުރެގެންނެވެ.

ހޮސްޕިޓަލުގެ ކުއްލި ހާލަތުގައި ބަލިމީހުން ބަލާ ބަޔަށް ޒާއިރާ ވެއްދުމުން ޒާއިރާއާ އެކު މަޑުކުރީ މަލާކުއެވެ. ބަލިމީހާއަށް ވެގެންއުޅޭގޮތް އަހާ ހިސްޓްރީނެގުމަށް ޑޮކްޓަރު ބޭނުންވި ވަގުތު އެއަކަށް ދޭނެ ޖަވާބެއް މަލާކުއަކަށް ނޭނގުނެވެ. ބުނީ ޒާއިރާ ބޭރުގައި ވެއްޓިފައި އޮތްވާ ފެނުނު ވާހަކައެވެ. އިތުރަށް ވީގޮތެއް ނޭނގޭކަމަށެވެ.

ކަށިގަނޑުއަޅާ ބެލުމަށްފަހު ޒާއިރާގެ ލޭގެ ބައެއް ޓެސްޓްތައް ހަދަން ޑޮކްޓަރ ދިނެވެ. އޭރުވެސް ޒާއިރާ އަނގައަކުން ނުބުނެއެވެ. އޮންނަނީ ދެލޯ މަރާލައިގެންނެވެ. އެކަމަކުވެސް އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް އަންނަނީ މަދު ސިކުންތުކޮޅަކަށެވެ. އަނެއްކާވެސް ކުރީގެ ހާލަތަށް ރުޖޫއަވަނީއެވެ.

ޑޮކްޓަރ ލިޔެދިން ޓެސްޓްތަކަށް ބޭނުންވާ ލޭ ނެގުމުން ނަތީޖާ ލިބެންދެން މަލާކުމެން މަޑުކުރަން ޖެހުނެވެ. ޒާއިރާ އޮބްޒަރވޭޝަންގައި ބޭއްވީއެވެ. ހާޒިމް ދިޔައީ ޒާއިރާއަށް ދޭނެ ކުރުބާފެންފުޅިއެއް ގަތުމަށެވެ. މަލާކު އިންގޮތަށް ޒާއިރާ ކައިރީ މަޑުކޮށްލައިގެން އިނެވެ. އަދި އެމޫނަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު އަނެއްކާވެސް ވެގެން އުޅޭ ގޮތަކާ ބެހޭގޮތުން ސުވާލު ނުކޮށެއް ނީދެވުނެވެ. މަލާކުގެ ސުވާލުތަކުގެ އަޑު އަހަން އޮތް ޒާއިރާއަށް ފިތާލެވުނީ މަލާކުގެ އަތަށެވެ.

"އޭނަ ހިނގައްޖެ!" މަލާކުއަށް ދެލޯ ބޮޑުކޮށްގެން ބަލަން އިނދެވުނީ އެކުވެރިޔާގެ މޫނަށެވެ. ޒާއިގެ "ބޯއިފްރެންޑް" އޭނަ ދޫކޮށްލާފަ ދިޔައީތާއެވެ. ޒާއިރާގެ މޫނަށް ބަލަން އިން މަލާކުއަށް ފެނުނީ އަނެއްކާވެސް އަޑުން އަޑުނަގާ ޒާއިރާ ރޮއެގަތް ތަނެވެ. ރަހުމަތްތެރިޔާގެ ހާލަތާ މެދު މަލާކު ނުހަނު ދެރަވިއެވެ. އެކަމަކު ރަހުމަތްތެރިޔާއަށް ހިތްވަރުދީ ވިސްނައިދިނުމަށް ބޭނުންކުރާނެ ބަސްމަގެއް ވެސް އޭނަގެ ސިކުނޑިއަކަށް ނައެވެ.

ރޮއެ ރޮއެފާ އަނެއްކާވެސް ޒާއިރާ ހިމޭންވީއެވެ. މަލާކުއަށް އެކުވެރިޔާގެ މޫނަގައާއި ބުރަކަށީގައި ފިރުމުން ނޫންކަމެއް ކޮށެއް ނުދެވުނެވެ. ޚުދު މަލާކުގެ ދެލޮލުން ވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަނީއެވެ. ދިރިއުޅުމުގެ މިހިސާބުން މީހަކާ ރައްޓެހިވެ އޭނަގެ ހިތް އެ މީހަކަށް ހިބައިން ދިން ފަހުން އެމީހާ ޒާއިރާ ދޫކޮށް ދިއުމުން އޭނަގެ ހިތަށް ކުރާނެ އަސަރު މަލާކުއަށް އިހުސާސްކުރެވެއެވެ.

ހާޒިމް ކުރުނބާ ފެންފުޅި ހިފައިގެން އައީ އަނެއްކާވެސް ޒާއިރާ ހިމޭންވީފަހުންނެވެ.

"މަލާކު! ދާން ވީނު ގެއަށް! އޮފީސް މަސައްކަތް ވެސް ހުންނާނެނު ކުރަން! އަހަރެން މިތާ މަޑުކުރާނަން.. ޑޮކް ވަކިއެއްޗެއް ބުނަން ދެން!" ހާޒިމް ބޭނުންވީ މަލާކު ގެއަށް ފޮނުވާލާށެވެ.

"ހިނގާބަލަ ކުރުނބާ ފެންފޮދެއް ދެވޭތޯ .. ފުރަތަމަ!" މަލާކު ބޭނުންވީ ދިއުމުގެ ކުރިން ޒާއިރާއަށް ފެންފޮދެއް ނަމަވެސް ދެވޭތޯ ބެލުމެވެ.