ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހޯއްދެވި އެންމެ މުހިއްމު އެއް ކާމިޔާބަކީ އެމަނިކުފާނުގެ ކާމިޔާބު ޚާރިޖީ ސިޔާސަތެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތީ 17 ނޮވެމްބަރު 2018 ގައެވެ. އެމަނިކުފާނު މަގާމާ ޙަވާލުވެވަޑައިގަތީ ކުރިން ރައީސްކަން ކުރެއްވި ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި ބައިނަލްއަގްވާމީ މަސްރަހުން ރާއްޖެ އެކަހެރިވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެ ކޮމަންވެލްތުން ވަކިވުމާއި އީރާނާއި ޤަތަރާ ގުޅުން ކަނޑާލުމަކީވެސް ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގައި ދިހޔަ ކަންކަމެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އަލުން މަގްބޫލުކަން ހޯއްދެވުމަށް ރައީސް ސޯލިހު މެދުނުކެނޑި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ޙާސިލު ކުރެވިފައެވެ.

މިހާރު ރާއްޖެއިން ވަނީ 2018 ވަނަ އަހަރުން ފެށިގެން ގަތަރު ހިމެނޭ ގޮތަށް 8 ގައުމަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައެވެ. އަދި އޭގެ އިތުރުން ރާއްޖެއިން ވަނީ އދގައި ފުޅާދާއިރާއެއްގައި ތަމްސީލުވެފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިނގިރޭސި ހައިކޮމިޝަނެއް ހުޅުވާފައި ވެއެވެ. އަދި ކައިރި މުސްތަޤްބަލެއްގައި އޮސްޓްރޭލިއާ ހައިކޮމިޝަނަކާއި އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ބޭރު ގައުމުތަކުގައިވބެސް ރާއްޖެ ތަމްސީލު ކުރުން ވަނީ އިތުރު ވެގެން ގޮސްފައެވެ. ރައީސް ސޯލިޙު ވަނީ 37 ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާފައެވެ.

ބައިނަލްއަގްވާމީ ދާއިރާގައި ގުޅުން ބަދަހި ކުރުމަށާއި އިތުރަށް ރާއްޖެ ތަމްސީލުކުރުމުގެ ގޮތުން ރާއްޖެއިން މިހާރު ގެންދަނީ ވޮޝިންޓަން ޑީ.ސީ، އަދި މޮސްކޯ ފަދަ ބޮޑެތި ކެޕިޓަލްތަކުގައި ރާއްޖޭގެ ސަފާރާތައް ހުޅުވުމަށް ތައްޔާރުވަމުންނެވެ.

ރައީސް ސޯލިޙުގެ ޚާރިޖީ ސިޔާސަތު ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގެންފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ފުރަމާނާއާއި ރަސްމީ 8 ދަތުރުފުޅުގައި ރާއްޖެއަށް 3.21 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާގެ ގްރާންޓު ކަމަށްވާ 2.65 ބިލިއަން އެމެރިކާ ޑޮލަރާއި ޗައިނާއިން ދިން 88.7 މިލިއަން އެމެރިކާ ޑޮލަރާއި ޔޫރަޕުގެ ޖަމާއަތުން އިން ދިން 82.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި ޖަޕާނުން ދިން 70.6 މިލިއަން އެމެރިކާ ޑޮލަރާއި ސައުދީ އަރަބިއްޔާއިން ދިން 59 މިލިއަން އެމެރިކާ ޑޮލަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ދިން 55 މިލިއަން އެމެރިކާ ޑޮލަރާއި އެމެރިކާއިން ދީފައިވާ 28.4 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.

އަދި ވިލާތު އިއްތިހާދުގެ މަލްޓި އެނިއުއަލް އިންޑިކޭޓިވް ޕްރޮގްރާމް (2021-2027) އިން ފުރަތަމަ ފަހަރަށް ރާއްޖެއަށް 12 މިލިއަން ޔޫރޯވެސް ދީފައިވެއެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާގައި އެންމެ ފާހަގަ ކުރެވޭ ކާމިޔާބީއަކީ އދގެ އާންމު މަޖިލީހުގެ ތާރީޚުގައި ފުރަތަމަފަހަރަށް 76 އާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައި ގަތުމެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ކާމިޔާބު ޚާރިޖީ ސިޔާސަތެއް ގެންގުޅެފައި ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. އެ ހަގީގަތަކަށް އިންކާރެއް ނުކުރެވޭނެއެވެ. އަދި އެއީ ތައުރީފް ހައްގު ޚާރިޖީ ސިޔާސަތެކެވެ.