މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް ބާއްވަވާގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ. މި ބައްދަލުވުން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓު ކުރެއްވުމަށްޓަކައި "ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު" ޖެއްސެވުމަށްފަހު 7960844 ނަންބަރު ފޯނަށް މެސެޖްކުރައްވާގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް އެދި މިއަހަރު ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެންބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

-ޚަބަރު ރައީސް އޮފީސް