ދާދިފަހުން ހަންގާމާ ޓިވީ އަށް ދިން އިންޓަވިއު އެއްގައި ބޮލީވުޑްގެ ތަރި ދިޔާ މިރުޒާ ބުނީ އޭނާގެ އަލަތު ދަރިފުޅު އުފަންވުމަށްފަހު އެ ތުއްތު ދަރިފުޅު އުރާލަން ލިބުނީ ދެމަހަށްވުރެ ގިނަދުވަސް ވީފަހުން ކަމުގައެވެ.

ދިޔާ މިރުޒާއަށް ދަރިއަކު ލިބުނީ 2021 އަހަރުގެ މެއި މަހުގައެވެ. އެ ދަރިފުޅު، އާޒާދު ރެޚީ އުފަންވި ހަނދާންތައް އާކުރަމުން ދިޔާ ބުނީ އޭނާ ވިހެއީ ދުވަސް ނުފުރާކަމަށެވެ. އަދި އެއީ އޭނާ އާއި ދަރިފުޅުވެސް ފުރާނައާއި ހަނގުރާމަ ކުަރަން ޖެހުނު ދުވަސްތަކެއްކަމުގައެވެ.

ދިޔާ ބުނީ އަލަށް މަންމައަކަށް ވީ ހިނދު ދަރިފުޅު އުރާލާނެ ފުރުޞަތު ނުލިބި ދެމަހަށްވުރެ ގިނަ ދުވަސް ހޭދަކުރަންޖެހުނީ ބަޔާން ކޮށްނުދެވޭފަދަ ހިތާމައިގައި ކަމަށެވެ.

އޭނާ ބުނީ ބަލިވެ އިންތާ ފަސްވަނަ މަހުގައި އެޕެންޑިކްސް އޮޕަރޭޝަނެއްކުރަން ޖެހުނުކަމަށެވެ. އެޕެންޑިކްސް ގެ ވިހަ ހަށިގަނޑަށް ފެތުރުމުން ދަރިފުޅުވެސް ނަގަން ޖެހޭނެކަމަށް ޑޮކްޓަރ ބުނުއްވިއެވެ. ނޫންނަމަ، ދަރިފުޅާއި މައިމީހާގެ ފުރާނައަށް ނުރައްކާވެދާނެކަމަށްވެސް ޑޮކްޓަރ ލަފާދެއްވިއެވެ.

ދަރިފުޅު އުފަންވުމަށްފަހު 36 ގަޑި އިރުވުމުން އެ ދަރިފުޅުގެ އޮޕަރޭޝަނެއް ކުރަން ޖެހުނުކަމަށް ދިޔާ މިރުޒާ ބުންޏެވެ. އަދި އުފަންވިތާ 3 މަސްފަހުން ދެވަނަ އޮޕަރޭޝަނެއް ކުރިކަމަށް އޭނާ ބުންޏެވެ. އެ ހުރިހާދުވަހަކުވެސް ދަރިފުޅު އޮތީ ހޮސްޕިޓަލުގެ އެންއަސީޔޫގައި ކަމުގައި އޭނާ ކިޔައިދިނެވެ.

ދިޔާ މިރުޒާ ބުނީ އޭނާގެ ދަރިފުޅު އުފަންވި އިރު ވަރަށް ކުޑަ ކަމަށެވެ. އަދި އެހާމެ ބަލިކަންވެސް އޭނާ ފާހަގަ ކުރިއެވެ.

އެއީ ކޯވިޑް 19 ފެތުރިފައިވާ ދުވަސްވަރު ކަމުން ދަރިފުޅު ބަލާލަން ފުރުޞަތު ލިބެނީ ހަފުތާއަކު 2 ފަހަރުކަމަށް އޭނާ ކިޔައިދިނެވެ. "އެއީ ވަރަށް ހިތްދަތި ދުވަސްވަރެއް، އެހެންނަމަވެސް އުންމީދުކުރިން ދަރިފުޅު މި ދުނިޔެއާއި ވަކިވެ ނުދާނެކަމަށް" ދިޔާ ބުންޏެވެ.

ދިޔާ މިރުޒާ، މުންބާއީގެ ވިޔަފާރިވެރިއެއްކމަށްވާ ވައިބާޚް ރެޚީ އާއި ކައިވެނިކުރީ 15 ފެބްރުވަރީ 2021 ގައެވެ. މި ދެމަފިރިން ހަނީމޫނު ހޭދަކުރީ ދިވެހިރާއްޖޭގައެވެ.

ދިޔާ މިރުޒާ އެންމެ ފަހުން ފެނުނު ފިލްމަކީ އަނޫބަވް ސިންގހާގެ "ތައްޕަޅު" އެވެ. މި ފިލްމުގެ އެންމެ މުހިންމު ދައުރެެއް އަދާކުރީ ތާޕްސީޕަންނޫ އެވެ. ދިޔާ މިރުޒާގެ ދެން އެންމެ އަވަހަށް ނުކުންނާނެ ފިލްމަކީ ތަރޫން ޑުޑެޖާގެ "ދަކް ދަކް" އެވެ.