ޓައިވާނާ ދެކޮޅަށް ޗައިނާއިން މީގެ 60 އަހަރު ކުރިން ދިން ހަމަލައެއް ނާކާމިޔާބު ކޮށްލުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ތެރޭގައި ޓައިވާންގެ ރައީސް ޓްސައި އިންގް ވެން މިއަދު ވިދާޅުވީ ޓައިވާނުން އަދިވެސް އަމިއްލައަށް ދިފާއުވުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ ރައީސް ނޭންސީ ޕެލޯސީ ޓައިޕޭއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޓައިވާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ ފިތުނަވެރިކަން އަދިވެސް ހިނދިފައެއް ނުވެއެވެ.
ޗައިނާއިން ޓައިވާން ކައިރީގައި ހަނގުރާމައިގެ ތަމްރީންތައް ބާއްވައި، ޗައިނާގެ ޒާތީ ސިޔާދަތު އޮތް ސަރަހައްދެއްގެ ގޮތުގައި ބެއިޖިން ދެކޭ ޓައިވާން ޖަޒީރާއަށް އެމެރިކާއިން ދޭ ތާއީދު އިތުރު ވުމުން ޗައިނާއިން ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ.
ސިފައިންގެ އޮފިސަރުންނާ ބައްދަލުކުރައްވައި ޓްސައި ވަނީ 1958 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ފެށުނު ޗައިނާގެ އައްސޭރިފަށުގައި އޮންނަ ޓައިވާންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ކިންމެން އާއި މަޓްސޫއަށް ޗައިނާއިން މަހަކަށް ވުރެ ގިނަ ދުވަހު ދިން ހަމަލާތަކުގެ ހަނދާންތައް އައު ކުރައްވަމުން ޗައިނާގެ ހަމަލައަކުން ދިފާއުވުމުގެ "ރޫހު" އަދިވެސް ޓައިވާން މީހުންގެ ކިބައިގައި ހުރިކަމަށް ވިދާޅުވެ ރައްޔިތުންނަށް ތައުރީފު ކުރައްވާފަ އެވެ.
"އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ޓައިވާނުގައި ގައުމު ދިފާއު ކުރުމުގެ އަޒުމާއި ތައްޔާރީގެ އިތުރުން އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ގާބިލްކަން އަދިވެސް މަތީ ފެންވަރަކަށް އޮތްކަން ދުޝްމަނުންނަށް ވިސްނޭނެ ގޮތް ހެދުން،" ޓައިވާން ރައީސް އިތުރަށް ވިދާޅުވި އެވެ.
ސިއްރު ޑޮކިއުމެންޓްތައް ވަގަށް ނެގި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މެޓް ޕޮޓިންގާ ހިމެނޭ ގޮތަށް ސްޓެންފޯޑް ޔުނިވާސިޓީގެ ހޫވަރ އިންސްޓިޓިއުޝަންގެ ވަފްދަކާ ބައްދަލުކުރައްވައި ޓްސައި ވިދާޅުވީ 1958 ވަނަ އަހަރުގެ ޗައިނާއިން ފެށި ހަނގުރާމައިގެ ސަބަބުން މިއަދުގެ ޓައިވާނަށް މިނިވަންކަމާއެކު އުޅުމަށް މަގުފަހިވި ކަމަށެވެ.
ޓައިވާނުން އޭރު ހަނގުރާމަކުރީ އެމެރިކާގެ ތާއީދާއެކު ގައެވެ. އަދި އެމެރިކާއިން ދިން ހަތިޔާރުން ޓައިވާނަށް ޓެކްނޮލޮޖީގެ ކުރިއެރުމެއް ލިބިގެންދިޔައެވެ.