ޕާކިސްތާން ތަޙްރީކޭ އިންސާފު ޕާޓީގެ ލީޑަރުގެ ވަކީލު ބާބާރު އަވާން ވިދާޅުވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާ ދެކޮޅަށް ސަރުކާރުން ހުށަހަޅާފައިވާ ޓެރަރިޒަމްގެ މައްސަލައިގައި ކަފާލާތުގެ ދަށުން މިނވަންކަން ހޯދުމަށް މާދަމާ ބުރާސްފަތި ދުވަހު އޭނާ އެންޓި ޓެރަރިޒަމް ކޯޓަކަށް (އޭޓީސީ) ހާޒިރުވެ ވަޑައިގަންނަވާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި އެ ޕާޓީން އިސްލާމްއާބާދުގައި ބޭއްވި ޖަލްސާގައި ޕީޓީއައިގެ ޗެއާމަން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން އެންޓި ޓެރަރިޒަމް ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން (ޓެރަރިޒަމްގެ އަމަލުތަކަށް އަދަބު ދިނުން) އޭނާއާ ދެކޮޅަށް މާގަލާ ޕޮލިސް ސްޓޭޝަންގައި މައްސަލައެއް ރަޖިސްޓްރީކޮށްފައިވެ އެވެ.
އޭގެ ފަހުން ހޯމަ ދުވަހު އިމްރާން ޚާން ވަނީ އިސްލާމްއާބާދު ހައި ކޯޓަށް ހުށަހެޅުއްވައިގެން ފަނޑިޔާރު މުހުސިން އަޚްތަރު ކަޔާނީ އާއި ފަނޑިޔާރު ބަބާރު ސައްތާރު ހިމެނޭ ދެ މެންބަރުންގެ ބެންޗަކުން މާދމާ ބުރާސްފައްޗާ ހަމައަށް ކަފާލާތުގެ ދަށުން ހައްޔަރު ކުރުމާ ދެކޮޅަށް އަމުރެއް ހޯއްދަވާފައެވެ. އެ އަމުރުގެ ބާރު މާދަމާ ބުރާސްފަތި ދުވަހު ކެނޑޭނެއެވެ.